14:30


މޯލްޑިވްސް މީޑިޔާ ކައުންސިލްގެ އިންތިހާބަށް އާންމުންގެ ތެރެއިން މީހުން ހޮވާފައި ވަނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މަރުހަލާއެއްގައި ކަމަށް ޤަބޫލްކުރެވެން ނެތް ކަމަށް ބުނެ އެ މަސައްކަތް އަލުން ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ގޮވައިލައިފި އެވެ.


އެމްޖޭއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މީޑިއާ ކައުންސިލް އިންތިހާބުގައި، އާއްމުންގެ ތެރެއިން މީޑިއާ ކައުންސިލަށް މީހުން ހޮވުމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، ޑިޕާޓްމެންޓް އޮފް އިންފޮމޭޝަނުން ކެންޑިޑޭޓުންތަކެއް ޝޯޓްލިސްޓް ކޮށްފައި ވަނީ ދެފުށް ފެންނަ އުސޫލަކުން ކަމަކަށް އެ ޖަމިއްޔާ އިން ނުދެކޭ ކަމަށާއި އެއީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މަރުހަލާއެއް ކަމަށް ބެލެވޭނެ ޖާގައެއް ނެތް ހިނދު، ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި އުޅެފައިވާ މީހުން ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭކަން އެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ.


މޯލްޑިވްސް މީޑިއާ ކައުންސިލަކީ މުޅި މީޑިއާ ރެގިއުލޭޓް ކުރުމަށް ގާއިމްކުރެވޭ މުއައްސަސާއަކަށް ވީހިނދު، އެ މުއައްސަސާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ، މީޑިއާގައި ކަސްތޮޅު އެޅުވުމަށް މަގުފަހިވާ ފަދަ ގޮތަކަށް މި އިންތިހާބު ބޭއްވިގެން ނުވާނެ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ، ބައިނަލްއަގުވާމީ ފަރާތެއް ކަމުގައިވާ، އާޓިކަލް 19 އިން ކުރިން ބުނެފައިވާ ގޮތަށް މީޑިއާ ކައުންސިލަށް ނަންތައް ޝޯޓްލިސްޓް ކުރުމާއި އިލެކްޝަންގެ ކަންތައްތައް އިންތިޒާމުކުރަން ޖެހޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ބާ އެސޯސިއޭޝަނެއް ފަދަ މުއައްސަސާއަކުންކަން ވެސް އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.


އިންތިހާބުގައި ބައިވެރިވެ، ވޯޓުލާނެ ފަރާތްތައް ޑިޕާޓްމަންޓް އޮފް އިންފޮމޭޝަނުން އާއްމުކުރިއިރު، ދުވަހަކު ވެސް އަޑުއިވިފައިނުވާ އަދި މިހާރު ހުއްޓާލާފައިވާ ނޫސް، މަޖައްލާތަކެއްގެ މަންދޫބުން ވެސް އެ ލިސްޓުގައި ހިމަނާފައިވުމަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެއްކަން ކުރިން ވެސް ހާމަކޮށްފައިވާނެ ކަމަށް އެމްޖޭއޭ އިން ބުނެފައިވެ އެވެ. އަދި އެއީ ޑިމޮކްރެސީގެ އުސޫލާ ތައާރަޒުވާ، ޒިންމާދާރުކަން ކުޑަ އަމަލެއްކަން ވެސް އެމްޖޭއޭގެ އެ ނޫސްބަޔާނުގައިވެ އެވެ.


މިކަމާ ގުޅިގެން އެމްޖޭއޭގެ ރައީސް ހިރިގާ އަހުމަދު ޒާހިރު މިއަދު ވިދާޅުވީ މީޑިޔާ ކައިންސިލްގެ އިންތިޙާބްގެ ކަންތައްތައް ކުރިއަށްދަނީ އެކަމުގައި ސިޔާސީ ކުލައެއްޖެހިގެން ކަމަށާއި އަލުން މުޅި ޕްރޮސެސް ފެށުމަށް އެޖަމިއްޔާ އިން ގޮވާލައިފައިވަނީ ސިޔާސީ ނުފޫޒުން މީޑިއާ މިނިވަން ކުރުމަށް ކަމަށެވެ.