އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ ލޮލަލަށް އަނެއްކާ ވެސް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާދީފި އެވެ.

މިމަސްތެރޭ ނާޒިމް އަށް މި ވަނީ ތިން ވަނަ ފަހަރަށް ލޮލުގެ މައްސަލައަށް އައިޖީއެމްއެޗް އިން ފަރުވާދީފަ އެވެ.

ނާޒިމް އާއިލާގެ މެމްބަރަކު ސަން އަށް މިއަދު ވިދާޅުވީ މިއަދު 10:30 އެހާކަންހާއިރު ނާޒިމް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ލޮލުގެ ފަރުވާ ދެމުން އަންނަ ކަމަށެވެ.

ނާޒިމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާދަމް އާޒިމް ކުރިން ވިދާޅުވީ ނާޒިމް ލޮލުގައި ރިއްސާތީ ކުރިން ވެސް އުޅޭ ކަމަށާއި އެނޫނީ ހާލު ރަނގަޅު ކަމަށެވެ.

ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

ނާޒިމް އަށް ވަނީ މީގެ ކުރިން އޭޑީކޭ ހޮސްޕިޓަލުން ދަތުގެ ފަރުވާ ވެސް ދީފަ އެވެ. އަދި ދާދިފަހަކުން ވަނީ ސިންގަޕޫރުން ވެސް ފަރުވާދީފަ އެވެ.