ގއ. ވިލިނގިލީގައި ފުލުހުންތަކަށް ހަމަލަދިން މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ގއ. ވިލިނގިލީގައި މިދިޔަ އަންގާރަ ދުވަހު ފުލުހަކު ޒުވާނުންތަކަށް އަނިޔާ ކުރި ކަމަށް ބުނެ، އާންމުންގެ ބަޔަކު ފުލުހުންނާ ކުރިމަތިލައި ތިން ފުލުހެއްގެ ބޯ ފަޅާލި މައްސަލަ އާއި ގުޅިގެން އިއްޔެ އާއި ރޭގެ ވަގުތެއްގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭ ބޮޑު މީހެއްގެ އިތުރުން އުމުރުން 14 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖަކު ހިމެނެ އެވެ. އެ ތިން މީހުން ވެސް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މައްސަލައާއި ގުޅިގެން މީގެ ކުރިން ވަނީ 11 މީހަކު ހައްޔަރު ކޮށްފަ އެވެ. އެމީހުންގެ ތެރޭ ހިމެނެނީ 18 އަހަރާއި 31 އަހަރާ ދެމެދުގެ ފިރިހެނުންނެވެ.

ވިލިނގިލީ ކައުންސިލުން ބުނެފައި ވަނީ އެ ހަމަނުޖެހުންތައް ފެށުނީ އެ ރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ޑިއުޓީއަށް ނުކުމެ، ޒުވާނުންނަށް އަނިޔާ ކުރަން ފެށުމުން ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގަމުންދަނީ އެންމެ ފުލުހެއް ކަމަށާއި އޭނާ ފުލުހުންގެ ޑިއުޓީއަށް ނުނެރުމަށް ތަކުރާރުކޮށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ވިލިނގިލީ ޒުވާނުންތަކަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.