އިންޑިއާ ކަނޑުގެ ހަމަޖެހުން ގެއްލޭ ފަދަ އެއްވެސް ކަމެއް ރާއްޖެ އިން ނުކުރާނެ ކަމަށް އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި ކަމަށް އެ ނޫހުން ބުނީ ރާއްޖޭން އެފަދަ ކަމެއް އެނގި ތިބެ ނުކުރާނެ ކަމަށެވެ.

ނޫހުން ބުނީ އޭނާ މިހެން ވިދާޅުވީ ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް ރާއްޖޭގެ ގާނޫނު އަސާސީއަށް ބަދަލު ގެނައުމާ ގުޅިގެން އެނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކަމަށެވެ.

"...ހަމަ ހޭގައި ހުރި މީހަކު އެމީހާގެ އަމިއްލަ ނަފުސަށް ގަސްދުގައި ގެއްލުމެއް ދޭންވީ ކީއްވެ؟" އިންޑިއާއިން އެކަމާ ކަންބޮޑުވާ ކަމަށް ބުނެ ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަހުމަދު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީ އަށް ބަދަލުލު ގެނައީ ރާއްޖޭގެ އިގުތިސާދު ފުޅާ ކުރުމަށް ކަމަށެވެ.

ރާއްޖޭގެ ގާނޫނު އަސާސީއަށް އިއްޔެ ގެނައި ބަދަލާ ގުޅިގެން އިންޑިއާ އިން ކަންބޮޑުވާ ކަމަށް އެގައުމުގެ ބައެއް ނޫސްތަކުން ވަނީ އަޑު ފަތުރާފަ އެވެ. އަދި އެގޮތުން ރާއްޖޭގެ ސަފީރު އަހުމަދު މުޙައްމަދު އިއްޔެ އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީއަށް ވަޑައިގެންނެވީ ހާޒިރުވެވަޑައިގަންނަވަން އިންޑިއާ ސަރުކާރުން އަންގައިގެން ކަމަށް ވެސް ވާހަކަތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި އަހުމަދު ވިދާޅުވީ އޭނާ އެކްސްޓާނަލް މިނިސްޓްރީއަށް ވަޑައިގެންނެވީ ކުރިން ހަމަޖެހިފައިވާ ބައްދަލުވުމަކަށް ކަމަށެވެ.

ރާއްޖޭގެ ނާއިބު ރައީސް އަހުމަދު އަދީބު ރޭ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގާނޫނު އަސާސީ އަށް ގެނައި އިސްލާހު އަމާޒުކޮށްފައި ވަނީ ބިޔަ އިންވެސްޓްމަންޓްތައް ރާއްޖެ ގެނައުމަށް ކަމަށާއި އެ އިސްލާހު އަމާޒުކޮށްފައި ވަނީ މެދުއިރުމަތީގެ އިންވެސްޓްމަންޓްތައް ރާއްޖެ ގެނައުމަށް ކަމަށެވެ.