ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ އިހުތިފާލުތަކުގައި ބައިވެރިވަޑައިގެންނެވުމަށް އިންޑިއާގެ މިނިސްޓަރަކު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު މުޙައްމަދު މިއަދު ސަން އަށް ވިދާޅުވީ އިންޑިއާގެ މިނިސްޓަރަކު ވަޑައިގަންނަވާނެ ކަން އިއްޔެ އެ ގައުމުގެ އެކްސްޓާނަލް މިނިސްޓްރީ އިން އަންގަވާފައިވާ ކަމަށެވެ. އަދި އެކަން އެންގެވީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް އެ މިނިސްޓްރީ އަށް ވަޑައިގެންނެވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ވަޑައިގަންނަ ވާނީ ކޮން މިނިސްޓަރެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވެސް ބުނީ މިނިވަން 50ގެ އިހުތިފާލުތަކަށް ވަޑައިގެންނެވުމަށް ދެ މިނިސްޓަރަކަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ވަޑައިގަންނަ ވާނީ ކޮން ބޭފުޅެއް ކަމެއް ހައިކޮމިޝަނުން ހާމައެއް ނުކުރެ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ވަޑައިގަންނަވާނީ އެގައުމުގެ ހެލްތު މިނިސްޓަރު ހަރުޝް ވަރުދަން އެވެ.

ރާއްޖޭގެ ސަފީރު އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީއަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ ގާނޫނު އަސާސީ އަށް އިއްޔެ ގެނައި ބަދަލާ ބެހޭ މައުލޫމާތު އިންޑިއާގެ އޮފިޝަލުން އޮޅުން ފިލުއްވި ކަމަށް ސަފީރު އަހުމަދު މުޙައްމަދު ވިދާޅުވި އެވެ. ނަމަވެސް އިއްޔެގެ ބައްދަލުވުމަކީ އެކަމާ ބެހޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ބޭއްވި ބައްދަލުވުމެއް ނޫން ކަމަށާއި އެއީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.