23 Jul 2015, 10:49
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އަށް ރަބަރު ޕެކެޓާއި ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ޓީވީއަކާ އެކު އައްޑޫ ސިޓީ މަރަދޫން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓްގެ ތެރެއިން ހަތް ޕެކެޓް ފެނިފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލައިފާސްކުރި އިރު އޭނާ ލައިގެން ހުރި ޖިންސްގެ ޖީބުން ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރި އިރު އޭނާ އުޅެމުންދާ ކޮޓަރީގެ ކުޑަދޮރު ކައިރިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. މީގެ އިތުރުން ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ ޓީވީއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޕޮލިސް އިންޓެލިޖެންސް އާއި އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ.
އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.