އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓެއް ރާއްޖޭގައި ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ސަރުކާރުން ހުށަހަޅައިގެން ގެނައި އިސްލާހަކީ ބިން ވިއްކާލުމެއް ނޫން ކަަމަށާއި އޭގެ ބޭނަމަކީ ބިލިއަންސް ޑޮލަރުގެ އިންވެސްޓްމެންޓްތައް ރާއްޖެ ގެނައުން ކަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުމެން ބިން ވިއްކާލަނީއެއް ނޫން، މި ކޮންސެޕްޓް ސިޔާސީ ނުކުރޭ. އަޅުގަނޑުމެން ފުރުސަތު މިހުޅުވާލީ ސަރުކާރާއި އިންވެސްޓަރުންނަށް އަބަދަށް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ގެނެވޭނެ މަގު،" ނައިބު ރައީސް އަދީބު ކުރެއްވި ޓުވީޓްގައިވެ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގާނޫނު އަސާސީ އަށް ހުށަހެޅުއްވިއިސްލާހުގައިވަނީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެއިސްލާހުގައިވެ އެވެ.

އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 70 މެމްބަރުންގެ ވޯޓުން ނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 14 ވޯޓު ދެއްވި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ގާނޫނު އަސާސީ އަށް ހުށަހެޅި އެއިސްލާހުގައިވާ ގޮތުން ޝަރުތުތަކާ އެކު މިލްކުކުރެވޭ ބިން އެހެން މީހެއްގެ މައްޗަށް މިލްކުކޮށް ދިނުމުގެ ހައްގު މިލްކުވެރިޔާއަށް ލިބިގެންވެ އެވެ.

މިލްކުކޮށް ދެވޭ ބިން ދައުލަތަށް ނަގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭނީ ކޯޓު ހުކުމެއްގެ ދަށުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީގައި ކުރިން ބުނެފައިވާ ގޮތުން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއްވެސް ބިމެއް މިލްކު ކޮށެއް ނުދެވޭނެ އެވެ.

އެ އިސްލާހު ތަސްދީގު ކުރެއްވުމުގެ ކުރިން ރައްޔިތުންގެ ވޯޓަކަށް ދިއުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސިޓީ އަކުން ދަންނަވައިފަ އެވެ.