23 Jul 2015, 08:31
ދ. ހުޅުދެލީ ކުރީގެ އޮފީސް އިމާރާތުގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި އެ އިމާރާތް އަނދައި ހުލިވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެއީ ގުދަނެެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިމާރާތެއް ކަމަށާއި އެ ހާދިސާ ހިނގިކަން ފުލުހުންނަށް ރިޕޯޓް ކުރީ ހެނދުނު 6:45 އެހާކަންހާއިރު ކަމަށެވެ. އަދި އެއިރު އެ ރަށު މީހުން އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެ އަދި ގެއްލުން ވެސް ނުވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ތަނުގައި ރައްކާކޮށްފައި ހުރީ އެ ރަށު ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް އެމްޓީސީސީ އިން އެ ރަށަށް ގެންގޮސްފައިވާ ބައެއް ސާމާނާއި މެޝިނަރީޒް އެވެ. އެ ތަކެތީގެ ތެރެއިން ގިނަ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ނަމަވެސް އެމްޓީސީސީ އިން ވެސް އަދި އެ ރަށު ކައުންސިލުން ވެސް ޖަވާބު ނުދެއްވާތީ އެ ތަކެތީގެ ތަފްސީލު ވަނީ ސާފު ކުރެވޭ ގޮތް ނުވެފަ އެވެ.
ހުޅުދެލީގެ ނަރުދަމާގެ މަސައްކަތް އެވޯޑްކޮށްފައި ވަނީ އެމްޓީސީސީ އާ އެވެ. ނަމަވެސް އެ މަސައްކަތް އަދި ވަނީ ނުފެށި އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެ މަޝްރޫއުގެ މަސައްކަތް ނުފެށި ލަސްވަނީ ޑިޒައިނަށް ބަދަލުތަކެއް ގެންނަން ޖެހި، ހައުސިން މިނިސްޓްރީ އިން އެ މަސައްކަތް ކުރުމުގެ މަގުމަތީގައިވާތީ އެވެ.