22 Jul 2015, 23:04
ބޭރު ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭނަމަ، ބޭރުގެ ފަރާތްތަކުގެ ނުފޫޒު އިސްލާމް ދީނާއި ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފި އެވެ.
ސަލަފް ޖަމިއްޔާގެ ރައީސް ޝެއިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް "ސަން"އަށް ވިދާޅުވީ ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އެ އިސްލާހުގައި އެ ޖަމިއްޔާއިން ކަންބޮޑުވާ ކަންތައްތަކެއް އެބަ ހުރި ކަމަށެވެ. އެގޮތުން ބޭރުގެ މުއްސަނދިންގެ ނުފޫޒު އިސްލާމް ދީނަށާއި ރާއްޖޭގެ މިނިވަން ކަމަށް އައުމުގެ ކަންބޮޑުވުން އޮތް ކަމަށް ޝެއިހް އަބްދުﷲ ވިދާޅުވި އެވެ.
"ބިދޭސީން ރާއްޖެ އަށް އެހާ ބޮޑެތި އިންވެސްޓްމަންޓުތައް ކުރަމުންދާއިރު އެބޭފުޅުންގެ ނުފޫޒުތައް ދިވެހި ރާއްޖެއަށް ވަނުން ދިވެހިންގެ ދީނަށް އިސްލާމީ ވަންތަކަމުގެ އިސްތިގުލާލަށް ބުރޫ އެރުން މިއީ އެންމެ ބޮޑުކަންތައް. އެގޮތަށް މިނިވަން ކަމަށް ބުރޫއެރުން،" ޝެއިހް ވިދާޅުވި އެވެ.
ރާއްޖެއަކީ ކުޑަ ގައުމަކަށް ވެފައި ބޭރުގެ މުއްސަދިންގެ އަތް މައްޗަށް ގައުމުގެ ބާރުތަށް ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
"ފަލަސްތީނާއި އައްބާސީ ހިލާފަތް ވެސް ވީގޮތް، ބަލާލާއިރު ވެސް އަޅުގަނޑުމެންނަށް ފެންނަނީ ބޭރު މީހުންގެ ނުފޫޒުތަކާއި ފައިސާގެ މާއްދިއްޔަތުގެ ސަބަބުން ގޮސް އެ ހިސާބަށް [އަޅުވެތިކަމަށް] ގޮސްހުރިކަން،"
އެ ކަންބޮޑުވުންތައް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުން ހިއްސާކޮށް، ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލަށް އިތުރު އިސްލާހެއް ގެނައުމަށް އެއްބާރުލުން ދޭނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ސަލަފުގެ ފަރާތުން އިސްލާހުތަކެއް ހުށަހަޅާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
މަޖިލީހުން މިއަދު ފާސްކޮށްފައިވާ އެ އިސްލާހުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ އެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެ އިސްލާހުގައިވެ އެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަަރު އަހްމަދު ނިހާން ހުސައިން މަނިކު ގާނޫނު އަސާސީއަށް ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން ޝަރުތުތަކާ އެކު މިލްކުކުރެވޭ ބިން އެހެން މީހެއްގެ މައްޗަށް މިލްކުކޮށް ދިނުމުގެ ހައްގު މިލްކުވެރިޔާއަށް ލިބިގެންވެ އެވެ.
މިލްކުކޮށް ދެވޭ ބިން ދައުލަތަށް ނަގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭނީ ކޯޓު ހުކުމެއްގެ ދަށުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. ރާއްޖެއިން ބިން މިލްކު ކުރެވޭނީ އެއް ބިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރާނަމަ އެވެ. އަދި މިލްކުވާ ބިމުގެ 70 ޕަސެންޓަކީ ހިއްކަންޖެހޭ ބިމަކަށް ވާންޖެހޭނެ ކަމަށް މަޖިލީހުން މިއަދު ފާސްކުރި އިސްލާހުގައިވެ އެވެ.
ގާނޫނު އަސާސީގައި މިހާރު ބުނެފައިވާ ގޮތުން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއްވެސް ބިމެއް މިލްކު ކޮށެއް ނުދެވޭނެ އެވެ.
ބޭރު ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ނިހާން ހުށަހެޅުއްވި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފަ އެވެ. އެ ބިލް ފާސް ކުރުމާ ޕީޕީއެމާއި އެމްޑީއޭ އެއްކޮަޅަށް އެމްޑީޕީ އާއި ޖޭޕީގެ މެމްބަރުން ވެސް ވޯޓު ދެއްވާފައިވެ އެވެ. ބިލު މަޖިލީހުން ފާސްކުރީ 70 މެމްބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.