08 Mar 2011, 23:46
ރާއްޖޭގެ އިޖްތިމާއީ ހާލަތާ މެދު މީހަކު ސުވާލުކޮށްފި ނަމަ އެމީހަކަށް ޖަވާބެއް ދިނުމަށް އެންމެ ފަސޭހަ ވާނީ މިދިޔަ ހުކުރު ދުވަހު ހިންގި ބޮޑު ލޭ އޮހޮރޮވުމުގެ ހާދިސާ ކިޔައިދީގެންނެވެ. އަހަންނަށް ވެސް އެ ވާހަކަ ކިޔައިދިނީ އާޓިފިޝަލް ބީޗަށް ދަރިފުޅާ އެކު ގޮސް ހުރި މަންމައެކެވެ. އެންމެންގެ ކުރިމަތީގައި ހިންގި އެ "ހަނގުރާމަ" އަކީ މީގެ ކުރިން އޭނާއަށް ހިންދީ ފިލްމަކުން ނޫނީ ނުފެންނަ ވަރުގެ މަންޒަރަކެވެ. ބޮޑު ގްރޫޕަކުން ގޮސް އާޓިފިޝަލް ބީޗު ތެރޭގައި ހަތިޔާރު ހިފައިގެން ގޮސް ބަޔަކަށް ހަމަލާދިނީ އެމީހުން މަރާލުމަށް ކަމަށް ވެސް ބުނެވިދާނެ އެވެ. އެހާ ވެސް ރަހުމް ކުޑަ، ޖެހިލުން ކުޑަ، ބޮޑު މާރާމާރީއެކެވެ.
އުފެދޭ ސުވާލަކީ މި ދަރަޖައަށް ކަންތައް ދަނީ، ދިޔައީ ކީއްވެ ހެއްޔެވެ؟ މިފަދަ ޖަރީމާތައް ހިންގަން ޖެހިލުން ނުވަނީ ކީއްވެ ހެއްޔެވެ؟ މިކަންތައްތަކުގެ ފަހަތުގައި ފޮރުވިފައި ވަނީ ކޮން ސިއްރެއްބާ އެވެ؟
ފުލުހުން ބުނަނީ އެއީ ގާނޫނުތަކާއި ސަރުކާރާއި ހުދު ފުލުހުންގެ ވެސް މައްސަލަ ކަމަށެވެ. މި ސިސްޓަމް ތެރެއިން ބާގަނޑުތައް ބައްދައިގެން ނޫނީ މިކަން ހައްލު ނުވާނެ ކަމަށް ފުލުހުން ދެކެ އެވެ.
"ކިތައް ފަހަރުތޯ ފުލުހުން ގޮސް މާރާމާރީތަކަށް ތައްޔާރުވާއިރު ދަނޑިބުރިތަކާއި ވަޅިތަކާ އެއްކޮށް ތިއްބާ އަތުލައިގަންނަނީ. ކިތައްތަނުންތޯ މީހުން ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވަނީ. ބައެއް މީހުން މައްޗަށް ހުކުމްކުރެވެނީ. ކިތައް މައްސަލަތޯ މިދަނީ. އެކަމަކު މިކަންކަމަށް ހައްލެއް ނާދޭ،" ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. "ފުލުހުންނާއި ސަރުކާރާއި ގާނޫނުތަކާ މި ހުރިހާ ދިމާއަކުން ވެސް ލޫޕްހޯލްތައް ބައްދަންވީ. ނުބައްދައެއް މިކަމެއް ނުވާނެ."
ފުލުހުންގެ ބަސް ލިބިއްޖެ އެވެ. ފުލުހުންގެ މައްސަލަތަކެއް އުޅޭކަން ވެސް އަމިއްލައަށް ވެސް ބުނެފި އެވެ. އަދި އެހެން ދެ ދިމާއަކަށް ވެސް ބޯޅަ ޖަހައިފި އެވެ. އެއީ ސަރުކާރާއި ގާނޫނުތަކެވެ. ވިސްނާލުމުން ގާނޫނުގެ ބައިގެ އިތުރުން ދެން ފުލުހުން އެ ދައްކަނީ ތަންފީޒީ އިދާރާގެ ބައިކަން އެނގެ އެވެ.
ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ކުށްކުރުން ހުއްޓުވުމަށް ނުވަތަ ކުށްވެރިން ޖަރީމާތައް ހިންގުމަށް ޖެހިލުންނުވަނީ ގާނޫނުގެ ސަބަބުން ނޫން ކަމަށެވެ. އަދި މިހާރަށް ބޭނުންވާ ވަރަށް އެންމެ ފުރިހަމައަށް ގާނޫނުތައް ވެސް ވުޖޫދަށް އައިސްފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"ގާނޫނަކު އެއްވެސް ލޫޕްހޯލެއް ބާގަނޑެއް ނެތް. ބިރުދެއްކުމާއި ގޭންގް ކުށްތައް މަނާ ކުރުގެ ގާނޫނަށް ވެސް މިހާރު އެ އޮތީ އަމަލު ކުރަން ފަށާފައި. ހެކިން ހިމާޔަތް ކުރުމުގެ ބައި ވެސް އޮންނާނީ މި ގާނޫނުތަކުގެ ތެރެއަށް ފައްތައިފައި. ފުލުހުން ބޭނުންވި ހުރިހާ ގާނޫނެއް ވެސް އެހެރީ ހަދާފައި،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ފުލުހުން ބޭނުންވާ ކަންތައްތައް ނުވެގެން އުޅެނީ ގާނޫނުތަކުގައި ލޫޕްހޯލްތައް ހުރެގެން ނޫން ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ ހެކި ހޯދުމަށް ފުލުހުންނަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވެނީ ކަމަށެވެ. އަދި ހެކި ހޯދުމަށް ފުލުހުން ތަމްރީނު ހޯދަން ޖެހޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
މިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ގާނޫނުތަކުގައި ކުދިކުދި މައްސަލަތައް ހުރި ނަމަވެސް އަސްލު މައްސަލައަކީ ގާނޫނު ނޫން ކަމަށެވެ. އަދި ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ކުށްވެރިން ޖެހިލުންނުވެ ބޮޑެތި ޖަރީމާތައް ހިންގަމުން ދިޔުމުގެ ހަގީގީ ސަބަބަކީ ތަންފީޒީ އިދާރާ ފޭލްވެފައި އޮތުން ކަމަށެވެ.
"ހަގީގަތުގައި މައްސަލައަކީ ތަންފީޒީ އިދާރާ ފޭލްވެފައި އޮތުން. ބަންދުގައި ތިބެންޖެހޭ ބަންދުގައި ނުތިބުން. ހުކުމް ކުރާ މީހުން ބަންދުގައި ތިބުމުގެ ބަދަލުގައި އަނެއް ދުވަހު މަގުމަތިން ފެނުން. މިއީ ހަގީގީ މައްސަލައަކީ. މިކަންތައްތައް ހުއްޓުވޭނީ ތަންފީޒީ އިދާރާ ރަނގަޅުކޮށްގެން،" އިސް ގާޒީ ވިދާޅުވި އެވެ.
ޑީޕީއާރްއެސް އިން ކޮންމެ އެއްޗެކޭ ބުނި ނަމަވެސް އެތަނުގައި ގިނަ މައްސަލަތަކެއް އުޅޭކަން އެނގެ އެވެ. ޖަލުން މީހުން ފިލުމާއި ފިލާ މީހުން ނުފެނުމަކީ ދިވެހިންނަށް މިހާރު އާ ކަމެއް ނޫނެވެ. ޕެރޯލް ބޯޑުން ވެސް ހަދާ އެއްޗެއް ނޭނގެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން މަޖީދީމަގުން އަހަރެން ރާއްޖޭގެ އެންމެ ބޮޑު "އެއް ޓެރަރިސްޓާ" ސަލާމްކޮށްފީމެވެ. ތިއުޅެނީ ފިލައިގެންތޯ އެހުމުން ބުނީ ދޫކޮށްލީ ކަމަށެވެ.