ޕެޓްރޯލް ޝެޑްތަކަށް ބާރު ބޮޑުވެފައި ވާތީ އެކަން ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

ތެޔޮ ވިއްކާ މައި ކުންފުނި, އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިރޭ ސަން އަށް ވިދާޅުވީ ޕެޓްރޯލް ޝެޑްތަކުގެ ބާރު ކުޑަކުރުމުގެ ގޮތުން މިރޭ އިތުރު މުވައްޒަފުން ބޭނުން ކުރަމުންދާ އިރު މާދަމަ އިން ފެށިގެން ލަސްވަންދެން ޝެޑްތައް ހުޅުވާފައި ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކިހާ އިރެއްވަންދެން ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

"ދެންމެ އެރޭންޖުކޮށްފިން ކޮންމެ ޕަންޕެއް ކައިރީގައި [ތެޔޮ] އަޅައިދޭ ކުއްޖާގެ އިތުރުން ކޭޝިއަރަކު ވެސް ބަހައްޓަން." ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ ރައްޔިތުންނަށް ޕެޓްރޯލް ފޯރުކޮށްދިނުމުގައި އެސްޓީއޯ އަށް އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އެސްޓީއޯ އިން ޕެޓްރޯލް ސަޕްލައި ކޮށްދޭ ފަރާތްތަކަށް ވެސް ދައްޗެއް ނެތި ޕެޓްރޯލް ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގިނަ ބަޔަކު ކިޔޫގައި ޖެހެމުންދަނީ ހާސްވެގެން ކަމަށެވެ.

"މީހުން ޕެނިކް [ހާސްވެގެން] ކިޔޫ ބޮޑުވަނީ، އަޅުގަނޑުމެން ދޫކުރާ ވަރަށް ބަރާބަރަށް ދޫކުރޭ އެބަ." ޝަހީރު ވިދާޅުވި އެވެ.

އަމިއްލަ ތަންތަނަށް ތެޔޮ ފޯރުކޮށްދޭ އިރު އެތަންތަނާ ވާހަކަ ދައްކައިގެން އެތަންތަން ހުޅުވައިގެން ތެޔޮ ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

ޕެޓްރޯލް ލިބުން ދަތިތަކެއް އުޅޭ ކަމަށް ވާހަކަ ފެތުރިފައިވާ އިރު އިއްޔެ އާއި މިއަދު ވަނީ ޕެޓްރޯލް ޝެޑްތައް ކައިރީ ގިނަ އަދަދެއްގެ ބަޔަކު ޕެޓްރޯލް އެޅުމަށް ކިޔޫގައި ޖެހިފަ އެވެ.