ދިވެހި ރާއްޖޭގައި އާންމުކޮށް ވާހަކަ ދައްކައި އުޅޭ ހަތަރު ބަހުރުވައަކުން ގައުމީ ލަވަ ތައްޔާރުކޮށް ހާއްސަ ލަވަ ސީޑީއެއް ނެރެފިއެވެ.

ޕަބްލިކް ސާވީސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމުކޮށްގެން މިއަދު އެ ލަވަތައް ނެރެފައިވާއިރު އެލަވަތައް ކިޔާފައިވަނީ އައްޑޫ ބަހުރުވަ އާއި ފުވައްމުލަކު ބަހުރުވައާއި ހުވަދު އަތޮޅު ބަހުރުވަ އާއި މާލެ އަދި މެދުތެރެއާއި އުތުރުގެ ރަށްތަކުގެ ބަހުރުވައިންނެވެ.

މިއަދު ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސީޑީ ލޯންޗުކޮށްދެއްވާފައިވަނީ ދިވެހި ބަހަށް ގިނަ އަހަރުތަކެއް ވަންދެއް ހިދުމަތް ކޮށްދެއްވާފައިވާ ފަރާތެއް ކަމަށްވާ އައްނަބީލާ ހަބީބާ ހުސައިން އެވެ.

މިނިވަން 50 އާ ގުޅިގެން މިއަދު ނެރެފައިވާ ހަތަރު ލަވައަކީ ދިވެހި ބަހުގައި ހުރި ތަފާތުކަމާއި މޮޅުކަން ދެނެގަނެ ބަސް އިތުރަށް ބަދަހި ކުރުމަށްޓަކައި ނެރެފައިވާ ލަވަ ސީޑީއެއް ކަމަށް ޕީއެސްއެމް އިން ބުންޏެވެ.

ޕީއެސްއެމް އިން ބުނީ އެއިން ކޮންމެ ލަވައަކީ އަމިއްލަ ރާގަށް ތައްޔާރު ކޮށްފައިވާ ލަވަތަކަކަށް ވާއިރު އެލަވަތަކުގެ ޅެން ހެދުމުގެ މަސައްކަތް ކޮށްފައިވަނީ އެ ހަތަރު ސަރަހައްދުގެ މުހިއްމު ޅެން ވެރީން ކަމަށެވެ.

ދިވެހިރާއްޖޭގެ އަޑުގެ ބޮޑު ހިއްސާއެއް އެ ސީޑީ ތައްޔާރުކުރުމުގައި ކޮށްފައިވާކަމަށް ޕީއެސްއެމުން ބުންޏެވެ. އެ ސީޑީ ދިވެހިރާއްޖޭގެ އަޑުން އާންމުންނަށް ލިބެން ހުންނާނެ ކަމަށް ވެސް ޕީއެސްއެމުން ބުންޏެވެ.