ޒުވާން ވިޔަފާރިން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ލޯނު ލިބޭ ފަރާތްތަކަށް އަންނަ އޮގަސްޓް 12 ގައި ލޯނު އެވޯޑްކުރާނެ ކަމަށް ގެޓްސެޓް ޕްރޮގްރާމްގެ މެނޭޖަރު މަހީލް އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.

މިއަދު އިކޮނަމިކް މިނިސްޓްރީގައި އޮތް ޕްރެސްކޮންފަރެންސްގައި މަހީލް ވިދާޅުވީ، ގެޓްސެޓް ލޯނަށް 500 އަށް ވުރެ ގިނަ ފަރާތުން އެޕްލައިކޮށްފައިވާ ކަމަށާއި އޭގެތެރެއިން އެންމެ މަތީ މާކްސް ލިބުނު 250 ވަރަކަށް ފަރާތުގެ ތެރެއިން ގިނަ ބަޔަކާ މިހާރު އިންޓަވިއު ވެސް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ޝޯޓް ލިސްޓްކޮށްފައިވާ ބައެއް ފަރާތްތަކަށް ގުޅުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" ބައެއް ބޭފުޅުންނަށް އަޅުގަނޑުމެންނަށް ފޯނުން ނުވަތަ އީމެއިލްގެ ޒަރީއާއިން ވެސް ވާސިލެއް ނުވެވުނު،" މަހީލް ވިދާޅުވިއެވެ.

މަހީލް ވިދާޅުވީ، އެފަދަ ފަރާތްތަކުން ގެޓްސެޓް އޮފީހަށް ގުޅައިގެން އިންޓަވިއު ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މާލޭން ބޭރުގައި ނުވަތަ ރާއްޖޭން ބޭރުގައި ތިބި ފަރާތްތަކަށް ފޯނު އެހެންނޫނީ ސްކައިޕް މެދުވެރިކޮށް އިންޓަވިއު ކުރާނެ ކަަމަށް ވެސް މަހީލް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމެންޓްގައި ބޭއްވި ޕްރެސްކޮންފަރެންސް. ކޮންސަލްޓެންޓް އިބްރާހިމް ފިރުޝާން (ކ) ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު އަދި ގެޓްސެޓްލޯންގެ މެނޭޖަރު މަހީލް އަލީ ޖަލީލް. ސަން ފޮޓޯ: އަލީ ނަސީރު

ފަސް އަހަރުތެރޭ ކޮންމެ އަހަރަކުވެސް 40 މިލިއަން ރުފިޔާގެ ލޯން ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ގެޓްސެޓް ޕްރޮގްރާމަށް ފަސް އަހަރު ތެރޭ ކަނޑައޅާފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.