22 Jul 2015, 19:40
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ހަރަކާތްތަކަށް ހުރަސް އެޅުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބުދުﷲ ޝަރީފު ވިދާޅުވީ މާލެއާއި އަތޮޅު ތަކުގައި ވެސް އެފަދަ ކަމަކަށް ޖާގައެއް ނުދޭނެ ކަމަށެވެ.
"... ދަންނަވައިލަން އޮތީ މާލެ ތެރޭގައި ވެސް ނޫނީ އަތޮޅުތަކުގެ ތެރޭގައި ވެސް އަޅުގަނޑުމެން ޖާގައެއް ނުދޭނެ، މި އިވެންޓަށް ޑިސްރަޕްޓް ކުރާ އެއްވެސް ކަހަލަ ކަމަކަށް،" ޝަރީފު ވިދާޅުވިއެވެ.
މިނިވަން 50 ފާހަގަ ކުރުމުގެ ހަރަކާތްތަކަށް މާލޭގެ ސަރަހައްދުތައް ބަންދުކުރާނެ ގޮތުގެ ތަފުސީލު ދެއްވައި ވާހަކަފުޅު ދައްކަވަމުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކަމިޝަނަރް އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ހަރަކާތްތަކަށް ދައުވަތު ލިބިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް ވެދެވަޑައިގެންނެވޭނީ ބަލައި ފާސްކުރުމަށް ފަހު ފުލުހުން ހުއްދަ ދިނުމުން ކަމަށެވެ. އެހެންވެ، އެކަން ކަމަށް ވަގުތު އޮއްވައި ވަޑައިގެންނެވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހަރަކާތްތަކަށް މާލޭގެ ބޮޑު ސަރަހައްދެއް ބަންދުކުރާނެކަން ފުލުހުން ވަނީ އިއުލާންކޮށްފައެވެ.
އެގޮތުން 24 ވަނަ ދުވަހުގެ ހަވީރު 18.00 ބަންދުކުރާނީ ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދެވެ. އެ ސަރަހައްދު ބަންދު ކުރާނީ ޖުމްހޫރީ މައިދާނާއި ރަސްމީ ފާލަން ހުޅުވުމުގެ ރަސްމިއްޔާތަށެވެ.

ނަވީން ވިދާޅުވީ އެސަރަހައްދު ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށް ވެސް އެވަގުތުގައި ބަންދުވާނެ ކަމަށެވެ. ނަމަވެސް އާއްމުންނަށް ވަދެވޭ ގޮތަށް ހަމަ ޖައްސާ ނަމަ ފުލުހުންގެ އެހީތެރިކަމާއި އެކު ވައްދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިމަހުގެ 25 ވަނަ ދުވަހު ބަންދުކުރާނީ ލޮނުޒިޔާރާތްކޮޅު ރާޅުގަނޑު ސަރަހައްދެވެ. އެސަރަހައްދު ބަންދުކުރާނީ މިނިވަން 50 ކައުންޓްޑައުން ޝޯއަށް ޓަކައެވެ. އެސަރަހައްދު ވެސް ބަންދުކުރާނީ ހަވީރު 18.00 އިން ފެށިގެން ޝޯގެ ކަންތައްތައް ނިމެންދެނެވެ.

އަދި 26 ވަނަ ދުވަހު ބަންދުކުރާނީ ދަރުބާރުގެ ހިމެނޭ ސަރަހައްދެވެ. އެއީ މިނިވަން ދުވަހުގެ ރަސްމީ ދަރުބާރު ( ރަސްމީ ޖަލްސާ) ބޭއްވުމަށެވެ. އެ ސަރަހައްދު ވެސް ބަންދުކުރާނީ ހަވީރު 18.30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެނެވެ.
