ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ރައީސް ޔާމީން މިއަދު އައްޔަށް ކުރެއްވުމާ ގުޅިގެން، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އަދީބަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ސިޔާމް ވިދާޅުވީ، އަދީބަކީ ނަތީޖާ ނެރެދެއްވާފައިވާ ލީޑަރޝިޕް ހުރި ބޭފުޅެއް ކަމަށެވެ. އެ ގޮތުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އަދީބުގެ ފަރާތްޕުޅުން ފެނިގެން ގޮސްފައި ވަނީ ގައުމީ ރޫހެއްގައި ހުރިހާ ވައްތަރެއްގެ މީހުންނާ ވެސް ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުންފުޅު ކަމަށެވެ. ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރެއްގައި ވެސް، ހަރުދަނާ ނިންމެވުންތަކެއް މަޝްވަރާގެ ތެރެއިން ނިންމެވުމުގައި އަދީބު ކާމިޔާބު ހޯއްދަވައިފައިވާ ކަމަށް ސިޔާމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ސިޔާމް ވިދާޅުވީ، ނެރެދެއްވާފައިވާ ނަތީޖާ އާއި، ސާބިތުކޮށްދެއްވާފައިވާ އިޚުލާސްތެރިކަމަށް ބަލާ އިރު މި ވަގުތު ނައިބު ރައީސް ކަމުގެ މަގާމު އެންމެ ބޮޑަށް ހައްގީ ވެސް އަދީބަށް ކަމަށެވެ.

"މަގާމު ތަކާއި ކުރިއެރުމަކީ އެމީހަކު ނެރެދޭ ނަތީޖާއެއްގެ މައްޗަށާއި ގާބިލު ކަމާއި އިޚުލާސްތެރިކަމުގެ މައްޗަށް ބިނާވެގެން އަންނަ އެއްޗެއް. އެއީ އެމީހަކު ހިއްމަތާ އެކު ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ލިބޭ އެއްޗެއް. މި ހުރިހާ ކަމަކަށް ބެއްޔަސް އަދީބު ވަނީ މިދިޔަ ދުވަސްތަކުގައި އާދަޔާ ޚިލާފު ވަރުގަދަ މަސައްކަތްތަކެއް ކުރައްވާފަ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ، ރައީސް ޔާމީނަކީ އިގުތިސާދީ ގޮތުން ދިވެހިރާއްޖެ އަށް އާދަޔާ ޚިލާފު ބޮޑެތި ކުރިއެރުންތަކެއް ގެންނަވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށެވެ. ރާއްޖެ ތަރައްގީ ކުރުމުގެ ރޭސް ވަރަށް ހަލުވި ކަމާ އެކު ބާރަށް ކުރިޔަށް ގެންދަން ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށެވެ. އެހެން ކަމުން އެ މަސައްކަތުގައި ރައީސް ޔާމީންގެ ނައިބަކަށް ހުންނަވާ ބޭފުޅަކީ ވެސް އެފަދަ ހަކަތަ ހުރި، އިޚުލާސްތެރި އަދި އިގުތިސާދީ ވިސްނުން ހުރި ބޭފުޅަކަށް ވުމަކީ ލާޒިމު ކަމެއް ކަމަށް ސިޔާމް ފާހަގަ ކުރެއްވި އެވެ.

ސިޔާމް ވިދާޅުވީ، ނައިބު ރައީސް ކަމަށް އަދީބު އައްޔަށް ކުރެއްވުމާ ގުޅިގެން އަމިއްލަ ނަން ފުޅާއި، އެމަނިކުފާނުގެ ޕާޓީ، އެމްޑީއޭގެ ގައުމީ ކައުންސިލްގެ ނަމުގަ އާއި ޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުންގެ ނަމުގައި ވެސް އަދީބަށް މަރުހަބާ ދަންނަވާ ކަމަށެވެ.