އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓެއް ރާއްޖޭގައި ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 14 މެމްބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހު ފާސްކުރީ 70 މެމްބަރުން ވޯޓު ދެއްވައިގެން ނެވެ. އޭގެތެރޭގައި އިދިކޮޅު އެމްޑީޕީއާ ޖުމްހޫރީ ޕާޓީ(ޖޭޕީ) އަށް ނިސްބަތްވާ މެމްބަރުން ވެސް ހިމެނެ އެވެ.

އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި އެންމެ ގިނައީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ނެވެ.

އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުންނަކީ:

  1. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ (އެމްޑީޕީ)
  2. ހިންނަވަރު ދާއިރާގެ މެމްބަރު އިބުރާހިމް މުހައްމަދު ސޯލިހު (އެމްޑީޕީ)
  3. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ (އެމްޑީޕީ)
  4. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އެމްޑީޕީ)
  5. މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު (އެމްޑީޕީ)
  6. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (އެމްޑީޕީ)
  7. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް (އެމްޑީޕީ)
  8. އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (އެމްޑީޕީ)
  9. ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އެމްޑީޕީ)
  10. ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް (އެމްޑީޕީ)
  11. މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް (އަދާލަތު ޕާޓީ)
  12. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން (ޖުމްހޫރީ ޕާޓީ)
  13. ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު (ޖުމްހޫރީ ޕާޓީ)
  14. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު (އަމިއްލަ)

އިސްލާހާ އެއްކޮޅަށް ވޯޓު ދެއްވި އެމްޑީޕީ މެމްބަރުންނަކީ:

  1. މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  2. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
  3. ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
  4. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ
  5. މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރު
  6. މަރަދޫ ދާއިރާގެ މެމްބަރު އިބުރާހީމް ޝަރީފް
  7. ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
  8. ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު
  9. ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ބާރީ އަބްދުﷲ
  10. ފެލިދޫ ދާއިރާގެ މެމްބަރު އަހްމަދު މަރުޒޫގު

ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހާ އެއްކޮޅަށް ވޯޓުދެއްވި އެމްޑީޕީ މެންބަރުން -- ފޮޓޯ: މަޖިލިސް

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން އެ އިސްލާހާ އެއްކޮޅަށް ވޯޓު ދެއްވި މެމްބަރުންނަކީ:

  1. ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް
  2. ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން
  3. ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
  4. މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު
  5. މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް
  6. ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހީމް
  7. ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ހަސަން

ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހާ އެއްކޮޅަށް ވޯޓުދެއްވި ޖޭޕީ މެންބަރުން -- ފޮޓޯ: މަޖިލިސް

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގާނޫނު އަސާސީއަށް ހުށަހެޅުއްވިއިސްލާހުގައިވަނީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެއިސްލާހުގައިވެ އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ގާނޫނުއަސާސީއަށް ހުށަހެޅުއްވި އެއިސްލާހުގައިވާ ގޮތުން ޝަރުތުތަކާ އެކު މިލްކުކުރެވޭ ބިން އެހެން މީހެއްގެ މައްޗަށް މިލްކުކޮށް ދިނުމުގެ ހައްގު މިލްކުވެރިޔާއަށް ލިބިގެންވެ އެވެ.

މިލްކުކޮށް ދެވޭ ބިން ދައުލަތަށް ނަގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭނީ ކޯޓު ހުކުމެއްގެ ދަށުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.