22 Jul 2015, 17:40
ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރަން 50 މިލިއަން ރުފިޔާގެ ލޯން ޕްރޮގްރާމެއް އަންނަ އޮގްސްޓް މަހު ތައާރަފުކުރަން ހަމަޖެހިފައިވާ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފިއެވެ.
މިއަދު އިކޮނަމިކް މިނިސްޓްރީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެ މިނިސްޓްރީގެ ކޮންސަލްޓެންޓް އިބްރާހީމް ފިރުޝާން ވިދާޅުވީ އެ ލޯން ޕްރޮގްރާމްގެ ދަށުން އަލަށް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކާއި މިހާރު ވިޔަފާރިކުރާ ފަރާތްތަކުން ވެސް އެ ލޯނަށް އެދުމުގެ ފުރުސަތު އޮންނާނެ ކަަމަށެވެ.
ވިޔަފާރި ކުރުމުގެ ޚިޔާލު ގެންގުޅޭ ފަރާތްތަކުންނާއި ނުވަތަ ވިޔަފާރިފުޅާ ކުރަން ބޭނުންވާ ފަރާތްތަކުން އެކަމާ ގުޅޭ ޕްރޮޕޯސަލް ތައްޔާރުކުރަމުން ގެންދިޔުމަށް ފިރުޝާން ވަނީ އެދިވަޑައިގެންފައެވެ. މިހާރު ތައްޔާރު ކުރާ ޕްރިޕޯސަލްތައް އެކަމަށް ފުރުސަތު ހުޅުވާލުމުން މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގެ ދަށުން އެހީތެރިވެދޭނެ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާ ހިމެނޭ ކަމަށް ފިރުޝާން ވިދާޅުވިއެވެ.
"ޓޫރިޒަމްގެ ތެރޭގައި ގެސްޓް ހައުސް އާއި ސުވެނިއާ ފަދަ ތައްޔާރު ކުރުމުގެ ސަބް ކެޓަގަރީ ހިމެނޭނެ،" ފިރުޝާން ވިދާޅުވިއެވެ.
އެ ލޯނަށް އެދުމުގެ ފުރުސަތު އޮގަސްޓް 12 ގައި ހުޅުވާލާނެ ކަަމަށް އެ މިނިސްޓްރީން ބުންޏެވެ.
ލޯނު އެޕްލިކޭޝަން ހުށަހަޅަން ގާތްގަނޑަކަށް ދޮޅު މަސްދުވަަސް ދޭނެ ކަމަށާއި އެ ލޯނު ދިނުމުގައި ވީހާވެސް ގިނަބަޔަކަށް ފުރުސަތު ލިބޭނެ ގޮތަަކަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުންޏެވެ.
އެ ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ އެ މިނިސްޓްރީން ލޯނު ދޭ ފަރާތްތަކުން ފަށާ ވިޔަފާރިތަކަކީ ކާމިޔާބު ވިޔަފާރިތަކަށް ހެދުމަށްޓަކައި އެ މިނިސްޓްރީގެ ފަންނީ ލަފާ އެ ފަރާތްތަކަށް ދޭނެކަމަށެވެ.