22 Jul 2015, 18:02
ބާމިންހަމް (ޖުލައި 22): ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ މުސްހަފް ކަމަށް ބެލެވޭ މުސްހަފްގެ ސަފްޙާތަކެއް އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވާސިޓީގެ ލައިބްރަރީން ފެނިއްޖެވެ.
މި ސަފްޙާތައް ހޯދި ރީސާޗަރުން ބުނާ ގޮތުން މި ސަފްޙާތަކާއި އޭގައިވާ ލިޔުންތަކަކީ މީލާދީ އަހަރަށް ބަލާއިރު 1370 އަހަރުވެފައިވާ ލިޔުންތަކެކެވެ. އަދި މިސަފްޙާތައް ލިޔެފައި ވަނީ ކީރިތި ރަސޫލާގެ ދުވަސްވަރު ޙިޖާޒުކަރައިގެ އަރަބިން ލިޔެއުޅުނު ޙިޖާޒީ އަކުރުންނެވެ.
މި ސަފްޙާތަކާބެހޭ ގޮތުން ބާމިންހަމް ލައިބްރަރީގެ މަސްއޫލު ވެރިއެއްކަމަށްވާ ޑޮކްޓަރު މުހައްމަދު އީސާ ވިދާޅުވިގޮތުގައި މިއީ ފުރިހަމަ މުސްޙަފެއްނޫނެވެ. މުސްހަފެއްގެ ސަފްޙާތަކެވެ. މިސަފްހާތައް ހުރީ ބާމިންހަމް ޔުނިވާސިޓީގައިވާ މެދުއިރުމަތީގެ ދިރާސާތަކާބެހޭ އެހެން ފޮތްތަކާއި ލިޔުންތަކުގެ ތެރޭގައި މަސްހުނިވެފަ އެވެ.

މިފޮތްތައް ހޯދަމުންދަނިކޮށް މިސަފްޙާތައް ފެނި، މީހުންގެ ސަމާލުކަމަށް އައީ ޕީއެޗްޑީ ރިސާޗެއް ހަދަމުން ގެންދާ ދަރިވަރަކު އެ ލިޔުންތައް ބެލުމަށް ފަހު އޭގެ ރޭޑިއޯކާބަން ޑޭޓިން ހެދުމާ ގުޅިގެންނެވެ.
ކާބަން ޑޭޓިން ޓެސްޓް ހެދީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ރޭޑިއޯކާބަން އެކްސަލަރޭޓަރ ޔުނިޓުންނެވެ. މި ޓެސްޓްގެ ނަތީޖާ ދެއްކިގޮތުން ކަންބަޅި އާއި ބަކަރިފަދަ ތަކެތީގެ ހަމުގައި ލިޔެފައިވާ ގުރުއާނުގެ މި ސަފްޙާތަކަކީ މީލާދީ ސަނަތުން 645 އާއި 568 އާ ދެމެދުގެ ލިޔުންތަކެކެވެ.
ބާމިންހަމް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑޭވިޑް ތޯމަސް ވިދާޅުވި ގޮތުގައި މި ސަފުހާތައް އެ ޔުނިވާސިޓީގެ ލައިބްރަރީގައި ފާހަގަ ނުކުރެވި އޮންނަތާ ގާތްގަނޑަކަށް ގަރުނެއްހާ ދުވަސްވެދާނެ އެވެ. މިސަފްޙާތައް ފެނުމުން ޚިޔާލަށް އަންނަނީ ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމައަށް ވަހީ ބާވާލެއްވި ދުވަސްވަރުކަމަށް އޭނާ ވިދާޅުވި އެވެ.
ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމައަށް މާތްﷲ ސުބްހާނަހޫ ވަތަޢާލާ ވަހީ ބާވާލައްވާފައި ވަނީ މީލާދީ ސަނަތަށް ބަލާއިރު 610 ން 632 އަށެވެ. މީލާދީ ގޮތުން 632 ވަނަ އަހަރަކީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވި އަހަރުވެސް މެއެވެ.
ޕްރޮފެސަރ ޑޭވިޑް ތޯމަސް ވިދާޅުވިގޮތުގައި ކީރިތި ރަސޫލާއަށް ވަހީ ބާވާލެއްވުމުން ގުރުއާން އެންމެ ފުރަތަމަ ލިޔެފައިވަނީ ގަލުގައާއި ނައަމް ސޫފީގެ ހަމުގައާއި ޖަމަލުގެ ކަށީގައާ އަދި ކަދުރުކުރުގެ އޮށީގައެވެ. މިހުރިހާ ތަކެއްޗެއް އެއްކުރައްވައި އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ކީރިތި ގުރުއާން އެއްފޮތެއްގެ ގޮތުގައި ޖަމްޢުކުރެއްވީ މީލާދީގޮތުން 650 ވަނަ އަހަރުގައެވެ.

އިސްލާމީ ތާރީޚު ބުނާ ގޮތުން އަބޫބަކުރުގެފާނު ކީރިތި ގުރުއާން ޖަމްޢު ކުރެއްވުމުގެ މަސައްކަތް ކުރެއްވީ ކީރިތި ޤުރްއާން ހިތުދަސްކުރެއްވި ސަހާބީންނާއި، ކީރިތި ރަސޫލާ އެންގެވި ގޮތަށް ގުރުއާނުގެ އާޔަތްތަކާއި ސޫރަތްތައް ތަރުތީބުން ލިޔުއްވަމުން ގެންދެވި ވަޙީގެ ކާތިބުން ހިމެނޭ ގޮތަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައްވައި އެކޮމިޓީގެ ބެއްލެވުމުގެ ދަށުންނެވެ.
އަބޫބަކުރުގެފާނުގެ ޚިލާފަތަށް ފަހު އުސްމާނުގެފާނުގެ ޚިލާފަތުގައި ވެސް ކީރިތި ގުރުއާން ޖަމްޢު ކުރެއްވުމުގެ މަސައްކަތް އެކަލޭގެފާނުގެ ބެއްލެވުމުގެ ދަށުން ކުރެއްވި އެވެ.
ކީރިތި ގުރުއާނުގެ މިސަފްހާތައް ބެލުމަށް އިނގިރޭސިވިލާތުގެ މުސްލިމުން ބާމިންހަމް ޔުނިވަރސިޓީގެ ލަބްރަރީއަށް މިހާރު އަންނަންފަށާފައިވާ ކަމަށްވެ އެވެ. މިސަފްޙާތައް އެ ލައިބްރަރީއަށް އައިގޮތެއް އަދި އޭގެކުރިން އިނގިރޭސިވިލާތަށް އައިގޮތެއް މިހާރުދަނީ ބަލައި ދިރާސާ ކުރަމުންނެވެ. (ބީބީސީ)