ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ފޮނުއްވާ ސިޓީއެއް މީޑިއާއާ ހިއްސާ ކޮށްފިނަމަ އެސިޓިއަށް އެމަނިކުފާނު ޖަވާބު ނުދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިހެން ބުނެފައި މިވަނީ އެއް ބިލިއަން ޑޮލަރުގެ އިންވެސްޓުމަންޓެއް ރާއްޖެއަށް ކުރާ ބޭރުގެ އިންވެސްޓަރަކަށް އެ ބިން މިލްކު ކުރެވޭގޮތަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ތަސްދީގު ކުރެއްވުމުގެ ކުރިން އާންމުންގެ ޚިޔާލު ހޯދުމަށް ރައީސް ޔާމީނަށް އިލްތިމާސް ކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ފޮނުއްވި ސިޓީ މީޑިއާތަކަށް ލިބިފައިވަނިކޮށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ އާންމު އުސޫލުގެ ދަށުން ރައީސް އަށް ފޮނުއްވާ ސިޓީއެއް ރައީސް އަށް ފޮނުވުމުގެ ކުރިން ނުވަތަ އެސިޓީގެ ޖަވާބު ދިނުމުގެ ކުރިން އެ ސިޓީއެއް މީޑިއާއަށް ހިއްސާ ކޮށްފިނަމަ އެސިޓީއަކަށް ރައީސްގެ ޖަވާބެއް ލިބިވަޑައެއް ނުގަނަވާނެ ކަމަށެވެ.

"ވަކި ސިޓީއަކަށް އަޅުގަނޑުމެން މެންޝަނެއް ނުކުރަން. އަޅުގަނޑު މިހާމަ ކުރީ މިހާތަނަށް ރައީސް އަމަލުފުޅު ކުރައްވާފައިވާގޮތާއި ކުރިއަށް އޮތްތަނުގައިވެސް ރައީސުލްޖުމްހޫރިއްޔާ އަމަލު ކުރައްވާނެ ގޮތް،" މުއާޒު ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ސިޓީފުޅަށް ރައީސް ޔާމީން ޖަވާބުދެއްވާނެތޯ ދެންނެވުމުން މުއާޒު ވިދާޅުވީ އެކަން އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް ކަމަށެވެ.