08 Mar 2011, 21:11
އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ދެކުނު ޕްރޮވިންސްގެ ހުރިހާ ޖަމިއްޔާތައް ބާރުވެރިކުރުވައި، އެ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމަށް ޔޫއެންޑީޕީއާއި އައްޑޫގެ ޖަމިއްޔާއެއްކަމުގައިވާ 'ޓޭކްކެއާ' ގުޅިގެން ދެލައްކައަށްވުރެގިނަ ރުފިޔާގެ ޕްރޮޖެކްޓެއް ރޭ ލޯންޗްކޮށްފި އެވެ.
ޔޫއެންޑީޕީގެ 'ސަޕޯޓް ޓު ސިވިލް ސޮސައިޓީ' ޕްރޮޖެކްޓުގެ ދަށުން ފަންޑުކޮށްދޭ 261565.95 ރުފިޔާ ގެ ޕްރޮޖެކްޓް ޓޭކްކެއާ އިން ލޯންޗްކޮށްފައިވަނީ ރޭ ސ. ހިތަދޫ މުހިއްބުއްދީން ސްކޫލްގައި ބޭއްވި ޚާއްސަ ޖަލްސާއެއްގަ އެވެ. އެޖަލްސާ ޝަރަފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ހިއުމަން ރައިޓްސް އެމްބެސެޑާ މުހައްމަދު ލަތީފު (ގޯގޯ ލަތީފް) އެވެ. އަދި އެ ޖަލްސާގައި އައްޑޫ ސިޓީގެ މޭޔާ އަބްދުﷲ ސޯދިގު )ސޯބެ(ގެ އިތުރުން ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ޓޭކްކެއާގެ ފައުންޑާ މެމްބަރ މުހައްމަދު ޔޫޝައު ވިދާޅުވީ، ކުރިއަށް އޮތް ފަސް މަހުގެ ތެރޭ ހިންގުމަށް އަމާޒުކޮށްފައިވާ އެ ޕްރޮޖެކްޓުގެ ދަށުން ދެކުނު ޕްރޮވިންސްގައި ހިމެނޭ ފުވައްމުލަކާއި އައްޑޫ ސިޓީގައި ރަޖިސްޓްރީކޮށްފައިވާ 54 ޖަމިއްޔާއެއްގެ މެދުގައި ނެޓްވޯކެއް ގާއިމްކޮށް، އެމްއޯޔޫއެއްގައި ސޮއިކުރެވޭނެ ކަމަށެވެ. އެއީ ފުވައްމުލަކުގެ 20 ޖަމިއްޔާއަކާއި އައްޑޫގެ 34 ޖަމިއްޔާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫޝައު ވިދާޅުވީ، އެ ޖަމިއްޔާތަކުގެ ތެރެއިން މިހާރު ހަރަކާތްތައް ހިންގަނީ މަދު ބަޔެއް ކަމަށާއި 'ދަ ރައިޓް ޓު އެމްޕަވާ' ޕްރޮޖެކްޓުގެ ބޭނުމަކީ މިހާރު ހިންގަމުން ނުދާ ޖަމިއްޔާތަކުގެ ހަރަކާތްތައް އިތުރުކޮށް، އަދި ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެހީތެރިވުން ކަމަށެވެ.
އަދި ޖަމިއްޔާތަކުގެ ހަރަކާތްތައް މައިގަނޑު ތިން ދާއިރާއެއްގައި އިތުރު ކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މައިގަނޑު ތިން ދާއިރާއަކަށް އަޅުގަނޑުމެން މި ބަލަނީ. އެއީ އިންސާނީ ހައްގުތައް، ހެޔޮވެރިކަން އަދި ޒުވާނުންގެ ތަރައްގީ. އެކަމަކު މިނޫން ދާއިރާތަކުގައި މަސައްކަތްކުރާޖަމިއްޔާތައް ވެސް ބައިވެރިވާނެ،" ޔޫޝައު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޖަމިއްޔާތަކަށް ޓްރެއިނިން ހިންގާނީ ކަމާބެހޭ ތަޖުރިބާކާރު ބޭފުޅުން ކަމަށާއި އެކަމުގައި ހިއުމަން ރައިޓްސް ކޮމިޝަނާއި ޔޫއެންޑީޕީގެ އެހީތެރިކަން ލިބޭނެ އެވެ.
"އަޅުގަނޑުމެންގެ ޖަމިއްޔާއަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޕާޓްނާ އެންޖީއޯއެއް. އެހެންވެ، އެކޮމިޝަނުން އަޅުގަނޑުމެންނަށް ފަންނީ އެހީތެރިކަން ވަރަށް ބޮޑަށްލިބޭނެ ކަމަށް މިބަލަނީ،"
ޓޭކްކެއާ އިން ބުނީ، ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އައްޑޫ ސިޓީގައި ތިން ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ހިންގޭނެ ކަމަށެވެ. އަދި އިންސާނީ ހައްގުތަކާމެދު ޖަމިއްޔާތައް ހޭލުންތެރިކޮށް، އެ ދާއިރާއިން ޖަމިއްޔާތަކަށް ހިންގޭނެ ހަރަކާތްތަކާ ބެހޭ ގޮތުން މައުލޫމާތުދިނުމަށް ދެ ތަމްރީނު ޕްރޮގްރާމެއް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އައްޑޫގައި ފުވައްމުކަލުގައި ބާއްވާ ދެ ވޯކްޝޮޕެވެ.
ރައިޓް ޓު އެމްޕަވާ ޕްރޮޖެކްޓް ލޯންޗްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ފޯރަމެއްވެސް ބާއްވައިފަ އެވެ. އެ ފޯރަމްގައި ޖަމިއްޔާތަކާއި އާއްމުންގެ ސުވާލުތަކަށް ޖަވާބުދެއްވީ ގޯގޯ ލަތީފާއި، މޭޔާ ސޯބެއާއި ސިޓީ ކައުންސިލްގެ މެމްބަރުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސިއެރޯގެ ކޮމިއުނިކަބްލް ޑިޒީސް ކޮންޓްރޯލްގެ ކޯޑިނޭޓާގެ މަގާމު ކުރިން ފުރުއްވައިފައިވާ ތަޖުރިބާކާރު ޑޮކްޓަރެއް ކަމުގައިވާ ޑރ. އަބްދުލް ސަމަދު އަބްދުﷲ ގެ އިތުރުން ޔޫއެންޑީޕީގެ 'ސަޕޯޓް ޓު ސިވިލް ސޮސައިޓީ ޑެވެލޮޕްމަންޓް' ޕްރޮޖެކްޓުގެ މެނޭޖާ އައިޝަތު ނަތާޝާ އެވެ.