22 Jul 2015, 18:13
ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ ތެރެއަށް އަަލަށް ވަންނަ މީހުން މަދުކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ކުރެވެމުންދާ މަސައްކަތް ތަކާއި މަސްތުވާތަކެތީގެ ތަފާސް ހިސާބުތަށް ހިއްސާކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ވޭތުވެ ދިޔަ ހަ މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ ތެރެއަށް އަލަށް ވަންނަ މީހުންގެ އަދަދު ބޮޑުތަނުން ދަށަށް ޖެހިލާފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ، އަލަށް މަސްތުވާތަކެތީގެ ތެރެއަށް ވަންނަ މީހުން ހައްޔަރުކުރެވިފައި ވަނީ ކެނަބިސް، ހޭޝްއޮއިލް، ސޮފްޓް ޑްރަގްސް އަދި ބަގުރަލުގެ މައްސަލަތަކުގައި ކަމަށެވެ. އެހެންކަމުން ވެއްޓަށް ތަފާތު ބޮޑު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަކުރާރުކޮށް ހައްޔަރު ކުރެވޭ މީހުންގެ އަދަދު އިތުރުނުވިޔަސް އެ އަދަދު މަދުވެފައި ނުވާކަން ޝިފާން ވަނީ ފާހަގަކުރައްވަފަ އެވެ.
ވޭތުވެދިޔަ ހަ މަސްދުވަހު އަތުލައިގަނެވުނު މަސްތުވާތަކެތި
- ޕޮލީތީން ޕެކެޓް - 1473
- ސެލޮފޭން ޕީސަސް - 455
- ބުލެޓްސް - 120
- ރާފުޅި - 622
- ބިޔަރު ދަޅު - 226
- އެލްއެސްޑީ - 53
- ފިލުމުދަޅުގައި ހުއްނަ ހޭޝްއޮއިލް - 36
- ކޮންޓްރޯލްޑް ޑްރަގްސް - 89
މަސްތުވާތަކެތީގެ މައްސަލަތަކުގައި 975 މީހަކު ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ހައްޔަރުކޮށްފައި ވާކަމަށް ޝިފާން ވިދާޅުވި އެވެ. އަދި ޖުމްލަ 56 އޮޕަރޭޝަނެއް ހިންގިފައިވާއިރު އޭގެތެރެއިން 47 އޮޕަރޭޝަނެއް ހިންގިފައި ވަނީ ފާރަގެމަ ބޭނުންކޮށްގެން ކަމަށް ޝިފާން ވިދާޅުވި އެވެ.
އޮޕަރޭޝަންތަށް ކާމިޔާބު ކަމާއެކު ހިންގުމަށް ފާރަގެމަ ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާކަން ޝިފާން ވަނީ ފާހަގަކުރައްވާފަ އެވެ.