ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނެސްފިނަމަ ބޭރުގެ ފަރާތްތަކުގެ ގޮތް ނޭނގޭ ނުފޫޒުތައް ރާއްޖެއަށް ފޯރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ބިލުގެ ސަބަބުން ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ ކަންތައްތަކަށް ނުފޫޒު ފޯރުުމުގެ ފުރުސަތުތަކެއް ހުޅުވިގެން ދިޔަނަމަވެސް އޭގެ ސަބަބުން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ވެސް ހުޅުވިގެން ދާނެ ކަމަށެވެ.

ބޭރުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ސަބަބުން ބޭރުގެ ކުންފުނިތަކަށް ގައުމަށް އެކި ގޮތް ގޮތުން ކުރިއެރުވިދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގާނޫނު އަސާސީއަށް ހުށަހެޅުއްވިއިސްލާހުގައިވަނީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަ ކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެއިސްލާހުގައިވެ އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ގާނޫނު އަސާސީއަށް އިއްޔެ ހުށަހެޅި އެއިސްލާހުގައިވާ ގޮތުން ޝަރުތުތަކާއެކު މިލްކުކުރެވޭ ބިން އެހެން މީހެއްގެ މައްޗަށް މިލްކުކޮށް ދިނުމުގެ ހައްގު މިލްކުވެރިޔާއަށް ލިބިގެންވެ އެވެ.

މިލްކުކޮށް ދެވޭ ބިން ދައުލަތަށް ނަގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭނީ ކޯޓު ހުކުމެއްގެ ދަށުން އަދުލުވެރި ބަދަލެއް ދިނުމަށް ފަހުގައި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީގައި މިހާރު ބުނެފައިވާ ގޮތުން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއްވެސް ބިމެއް މިލްކު ކޮށެއް ނުދެވޭނެ އެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

ގާނޫނުއަސާސީއަށް އެ އިސްލާހު ހުށަހެޅުއްވި ސަބަބު ކަމަށް ނިހާން ވިދާޅުވަނީ:

  • ރާއްޖެއަށް އިންތިހާ ބިޔަ އިންވެސްޓްމެންޓަތައް ތައާރަފްކުރުން.

  • ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމެންޓްތަށް ކުރިއަށް ގެންދިއުމަށް ފަހި މާހައުލެއް ގާއިމް ކުރުން