22 Jul 2015, 16:24
ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފާހަގަ ކުރުމުގެ އުފަލުގައްޔާއި ނައިބު ރައީސަކަށް އަހުމަދު އަދީބު އައްޔަން ކުރެއްވުމުގެ އުފަލުގައި ބައިވެރިވެވޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރައްވައިގެން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް އަދީބަށް ރުހުން ދިނުމުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވީ ރައީސް ނަޝީދު ދޫކޮށްލުމަށް އެދި ސަރުކާރަށް ގޮވާލާ ކަމަށެވެ.
މިނިވަން 50 ގެ މުނާސަބަތާއި އާއި ރައީސުލްޖުމްހޫރިއްޔާ އިތުބާރު ކުރައްވާ ނައިބު ރައީސަކު ލިބިވަޑައިގަތް ކަމުގެ އުފަލުގައި ބައިވެރިވެވޭނީ އަޅުގަނޑުމެންގެ ރައީސް [ރައީސް ނަޝީދު] ދޫކޮށްލެއްވީމަ،"
އޭނާ ވިދާޅުވީ ރާއްޖޭގެ ނައިބު ރައީސްކަމުގެ މަގާމަށް ވަޑައިގަންނަވާ ފަރާތްތަކަށް ވަމުންދާ ގޮތާއި މެދު ވިސްނާ ފިކުރު ހިންގާލަން ޖެހޭ ކަމަށާއި އުއްމީދު ކުރަނީ ރައީސް ޔާމީން މިއަދު އެމަނިކުފާނުގެ ނައިބަކަށް އައްޔަން ކުރެއްވި އަހުމަދު އަދީބަށް އެފަދަ ކަމެއް ކުރިމަތިވެ ވަޑައިނުގަންނަވާނެ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ވެސް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ވެސް ދިވެހިރާއްޖޭގެ ތަސައްވަރު މުޅި ދައުލަތުގެ ހައިބަތު ރާއްޖެއާ ރާއްޖެއިން ބޭރުގައި ދައްކުވައިދޭ ރަމްޒު ކޮށްދޭންޖެހޭ ފަރާތް،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ނައިބު ރައީސް އަދީބަކީ ރައްޔިތުންނަށް އިހުލާސްތެރި ރައްޔިތުންގެ ކަންކަން ގާތުން ބަލާ އަދި އިދިކޮޅު ފަރާތްތަކާ ބާއްވަންޖެހޭ ގުޅުންތައް ބާއްވާ ފަރާތެއް ކަމުގައިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ "އެ އުއްމީދުގައި ނައިބު ރައީސް އަދީބަށް ރުހުން" ދޭނެ ކަމަށެވެ.
"ރާއްޖޭގެ ސިޔާސީ މަޝްރަހު ހަމަހިމޭން ވާންޖެހޭ. ރައްޔިތުންނަށް ހަމަ ނޭވާއެއް ލައިގެން އެ މީހުންގެ މަސައްކަތައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ތަނަވަސް ވާން އެބަޖެހޭ. ވޭތުދިޔަ ދުވަސްތަކަކީ މުޅި ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ ހަމަނުޖެހުމުގެ ތެރެއަށް ގައުމު ވެއްޓިފައި އޮތް ދުވަސްކޮޅެއް. ހިތާމައާއެކު ދަންނަވަން ޖެހޭނީ ކިރިޔަ ކިރިޔާއޭ ދާހިލީ ހަނގުރާމައަކަށް ގައުމު ނުގޮސް އޮތީ،" ޝަރީފު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިނިވަންކޮށްދިނުމަށް ޝަރީފު ގޮވާލައްވާފައިވާއިރު ރައީސް ނަޝީދުގެ ހުކުމުގެ ބާކީ އޮތްބައި ގޭގައި ތަންފީޒް ކުރާ ގޮތަށް އިއްޔެ ވަނީ ނިންމާފައި އެވެ.