ވޮޝިންޓަން (ޖުލައި 22): އެމެރިކާގެ ރިޔާސީ ރޭހަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން އެ ގައުމުގެ އޮހާޔޯ ސްޓޭޓްގެ ގަވަރުނަރު ޖޯން ކިސިކް އިޢްލާންކުރައްވައިފި އެވެ.

ކިސިކް ވިދާޅުވީ އޭނާ އެންމެ ފުރަތަމަ ކުރިމަތިލައްވާނީ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީއަށް ކަމަށާއި ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. ރިޕަބްލިކަން ޕާޓީގެ ފަރާތުން ރިޔާސީ ރޭހަށް ނުކުތުމުގެ ޓިކެޓް ބޭނުންވާކަން މިހާތަނަށް ހަތް ބޭފުޅަކު އިޢްލާން ކުރައްވާފައިވެ އެވެ.

އެއީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖްބުޝްގެ ދަރިކަލުން ޖެބް ބުޝް އާއި ބިލިޔަނަރެއް ކަމަށްވާ ޑޮނަލްޑް ޓްރާމްޕް އާއި ވިސްކިންސަން ސްޓޭޓްގެ ގަވަރުނަރު ސްކޮޓް ވޯކަރ އާއި އެމެރިކާގެ ސެނެޓްގެ ތިން މެންބަރުން ކަމަށްވާ ޓެޑް ކްރޫޒް އާއި ރެންޑް ޕޯލްއާއި މާކޯރޮޕިޔޯ އާއި އާކެންސަން ސްޓޭޓްގެ ގަވަރުނަރު މައިކް ހެކަޕީ އެވެ.

މީގެ ތެރެއިން ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި އެންމެ މަގްބޫލު ބޭފުޅަކީ ޑޮނަލްޑް ޓްރާމްޕް ކަން ޚިޔާލުހޯދުމުގެ ސާވޭއަކުން ދާދިފަހުން ހާމަވެފައިވެ އެވެ.

ޑިމޮކްރެޓިކް ޕާޓީއަށް ބަލާއިރު އެ ޕާޓީގެ ފަރާތުން ރިޔާސީ ޓިކެޓް ހޯއްދެވުމަށް ތިންބޭފުޅަކު މަސައްކަތް ކުރައްވާނެކަން އިޢްލާން ކުރައްވާފައިވެ އެވެ. އެއީ އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން އާއި ވާރޖީނިޔާގެ ކުރީގެ ގަވަރުނަރު ޖިމް ވިބް ގެ އިތުރުން ލިންކޮލިން ޗެޕީއެވެ. (ޓާސް)