22 Jul 2015, 15:56
ފުރަތަމަ ފަހަރަށް ޝަރިއާ އާ އެއްގޮތަށް ވިޔަފާރި ތަރައްގީ ކުރުމަށް 30 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާ ކަމަށް އިކޮނަމިކް މިނިސްޓްރީ މިއަދު ބުނެފި އެވެ.
އިކޮނަމިކް މިނިސްޓްރީގައި މިއަދު އޮތް ޕްރެސް ކޮންފަރެންސްގައި އެ މިނިސްޓްރީގެ ކޮންސަލްޓެންޓް އިބްރާހިމް ފިރުޝާން ވިދާޅުވީ 30 މިލިއަން ރުފިޔާގެ އެ ޕްރޮގްރާމަކީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައި ގާއިމުކޮށްފައިވާ ފަންޑެއް ކަމަށެވެ.
އެ ޕްރޮގްރާމް ކުރިއަށް ދާނީ ބެންކް އޮފް މޯލްޑިވްސް އިސްލާމިކް ވިންގުގެ އެހީތެރިކަމާއެކު ކަމަށް ވެސް ފިރުޝާން ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގައި އަލަށް ވިޔަފާރި ކުރާ ފަރާތްތަކާއި މިހާރު ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ބައިވެރިވެވެނޭ ކަމަށް ވެސް ފިރުޝާން ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގެ ދަށުން އެހީތެރިވެދޭނެ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓްރާންސްޕޯޓް ހިމެނޭ ކަމަށް ފިރުޝާން ވިދާޅުވިއެވެ.
"ޝަރިއާ ކޮމްޕްލައިންޓް ޕްރޮގްރާމަކަށް ވާތީ ވަަރަށް ތަފާތު ގޮތަކަށް މި އިންނަނީ. ފައިސާ ދެވޭނީ ވަރަށް މަދު ހާލަތެއްގައި،" ފިރުޝާން ވިދާޅުވިއެވެ.
"މިސާލަކަށް ކޮންކްރީޓް މެޝިނެއް ގަންނަން ބޭނުންވާ ކަމަށްވަންޏާ އޭގެ އަގަށްވާ މިންވަރު ހުށަހަޅާނީ ޕްރޮޕޯސަަލެއްގެ ގޮތުގައި. އެ އެއްޗެއް ބޭންކު މެދުވެރިކޮށް ގަނެފައި އެ ފަރާތާ ހަވާލުކުރާނީ. ދެން އެއަށް ފައިސާ ހަމަ އިންސްޓޯލްމެންޓަށް ބަހާލައިގެން، ކަނޑައެޅޭ މުއްދަތެއްގައި ދައްކާ ގޮތަށް މި އޮންނަނީ،" ފިރުޝާން ވިދާޅުވި އެވެ.
އެ ޕްރޮގްރާމް ރަސްމީކޮށް ހުޅުވާލާނީ އަންނަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ކަމަށް ވެސް ފިރުޝާން ވިދާޅުވި އެވެ. އެ ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ ކަަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުންޏެވެ.