08 Mar 2011, 20:46
މިހާރު އަމަލު ކުރާ ގާނޫނު އަސާސީއަކީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ހާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި، އެ މަޖިލީހުގައި ހިމެނި ވަޑައިގެންނެވި، މާލޭގެ މެންބަރު އިބްރާހިމް އިސްމާއީލް (އިބުރާ) ވެރިކަން ހޯއްދަވަން ވެގެން ހަދާފައިވާ ގާނޫނު އަސާސީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި، ޒާހިރު ވިދާޅުވީ ހާއްސަ މަޖިލީހުގެ ރައީސް ގާސިމާއި ޑްރާފްޓިން ކޮމިޓީގެ މުގައްރިރު، އިބުރާ އެ މަޖިލީހުގައި މަސައްކަތްތައް ކުރެއްވީ އެ ދެބޭފުޅުން ވެސް ރާއްޖޭގެ ވެރިކަން ހޯއްދަވަން ވެގެން ކަމަށެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން މިހާރު، ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހެދުމުގެ ބަދަލުގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ގާނޫނު އަސާސީ އަލުން އިސްލާހު ކުރުން ކަމަށެވެ.
"މި ގާނޫނު އަސާސީ ހެދިފައި މިވަނީ ވަކި އެއްޗަކަށް ބަލައިގެންނެއް ނޫން. ވަކި ބަޔަކު ވެރިކަން ހާސިލް ކުމުގެ މަގުސަދުގައި ތައްޔާރުކޮށްފަ އޮތް ގާނޫނު އަސާސީއެއް މި ގާނޫނު އަސާސީއަކީ. އޭގެ ތެރޭގައި އަޅުގަނޑު ވަރަށް ކެރި ހުރެގެން ދަންނަވާނަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެއިރުގެ މާލޭގެ މެންބަރު އިބްރާހިމް އިސްމާއީލާ ދެ މީހުން ވެރިކަން ބޭނުންވެގެން ހަދާފައޮތް ގާނޫނު އަސާސީއެއްމީ،" ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީގައި ކުށް ހިމެނޭ ކަމަށް އޭރު އެ ދެ ބޭފުޅުންނަށް ދަންނަވާފައިވާނެ ކަމަށާއި، ހާއްސަ މަޖިލީހުގައި ވެސް އެ ވާހަކަ ދެއްކެވި ކަމަށެވެ. ނަމަ ވެސް އެބޭފުޅުން އެ އަޑު ނޭއްސެވި ކަމަށް ވެސް ވިދާޅުވި އެވެ.
" އަޅުގަނޑުމެން އެ ވާހަކަ ދެއްކި ނަމަވެސް އެ ދުވަހު އަޅުގަނޑުމެންނަކީ މަޖިލީހުގައި ބަސްކިޔޭ ބަޔަކަށް ނުވެފަ އޮތީ. ދެން އަނެއްކާ އޭރު ޑީއާރްޕީ ވެސް އޮތީ ރިޔާސީ އިންތިހާބުގެ ކުރިން އަވަހަށް މި ނިންމާލައިފަ އިންތިހާބާ ކުރިމަތިލައި ވެރިކަން ހޯދުމުގެ ބޭނުމުގައި. އެހެންވީމަ މީގެ ފުލަށް ނުބަލައި ވިސްނުމަށް ނުބަލައި މީގެން ނުކުންނަ މާނައަކަށް ނުބަލައި މި ކުރެވެނީ ކޮން ކަމެއްތޯ ނުބަލައި ހަތަރު ސެޝަން، ތިން ސެޝަން ރެއާ ދުވާލު ބާއްވައިގެން މީތި ނިންމީ،" ޒާހިރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އަދިވެސް އެ ދެބޭފުޅުން އުޅުއްވަނީ ވެރިކަމާ ހިއްޕަވަން ކަމަށާއި އެންމެން ވެރިކަމާ ތޮޅުމުގެ ބަދަލުގައި ގައުމަށް ދިމާވެފައިވާ ނުރައްކާތަކުން ގައުމު ސަލާމަތްކުރަން މަސައްކަތްކުރުން މާ މުހިއްމު ކަމަށެވެ.