22 Jul 2015, 22:22
ރަށު ކައުންސިލެއްގެ އުމުރު ހަމަ ނުވަނީސް ކައުންސިލަރަކު އިސްތިއުފާ ދެއްވި ކަމުގައި ވިއަސް އިސްތިއުފާ ދެއްވި ކައުންސިލަރުގެ ބަދަލުގައި އިތުރު ކައުންސިލަރެއް އައްޔަން ކުރުމަށް އިންތިހާބު ބާއްވަން ނުޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް (ވައްޑެ) ހުށަހެޅުއްވި އިސްލާހު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރީ 55 މެމްބަރުންގެ ވޯޓުން ނެވެ. އެ އިސްލާހު އެގޮަތަށް ފާސްކުރަން ނުފެންނަ ކަމަށް 25 މެމްބަރުންގެ ވޯޓު ދެއްވި އެވެ.
ވައްޑެ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރަށު ކައުންސިލެއްގެ ކައުންސިލް މެމްބަރެއް ކައުންސިލު އުމުރުގެ ތިންބައި ކުޅަ އެއްބައި ނުވަތަ އެއަށް ވުރެއް ދިގު މުއްދަތެއް ފާއިތުވެފައި ވަނިކޮށް ކައުންސިލުން އިސްތިއުފާ ދެއްވައިފި ނަމަ އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އައްޔަން ކުރުމަށް އިންތިހާބު ބާއްވައިގެން ނުވާނެ ކަމަށެވެ.
އެހެންނަމަވެސް ކައުންސިލް ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދުު ހަމަ ނުވާ ނަމަ އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އައްޔަން ކުރުމަށްޓަކައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ވެސް މިއަދު މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވެ އެވެ.
ގާނޫނުގައި މީގެކުރިން ބުނެފައި ވަނީ، ކައުންސިލް މެމްބަރެއް އިސްތިއުފާ ދޭތާ 45 ދުވަހުގެ ތެރޭގައި މެމްބަރަކު އިންތިހާބު ކުރަންވާނެ ކަމަށެވެ.
މީގެކުރިން ވެސް ސަރުކާރުން ވަނީ ހަމަ މިފަދަ އިސްލާހެއް ހުށަހަޅައި ފާސްކޮށްފައެވެ. އަދި އެ އިސްލާހު ރައީސް އަބްދުﷲ ޔާމީން ވަނީ ތަސްދީގުވެސް ކުރައްވައިފައެވެ.
އެހެންނަމަވެސް އެ އިސްލާހަކީ ލާމަރުކަޒީ ގާނޫނުގެ ތިންވަނަ ބާބު ކަމަށްވާ އަތޮޅު ކައުންސިލުގެ ބާބަށް ހުށަހަޅާފައިވާ އިސްލާހެކެވެ.