22 Jul 2015, 15:10
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު އައްޔަން ކުރެއްވި އަހުމަދު އަދީބު އަބްދުލް ގަފޫރަށް މަޖިލީހުން ރުހުން ދިނުމުގެ ބަހުސް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަދީބަށް ރުހުން ދިނުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ރައީސް ޔާމީން ނައިބު ރައީސްކަމުގެ މަގާމަށް އަދީބު އައްޔަން ކުރައްވާފައި ވަނީ މިއަދުގެ ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަދީބުކޮށް ދެއްވި ބުރަ މަސައްކަތް ގާތުން ފެނި އެކަމުގެ ފުރިހަމަ އިތުބާރު ލިބިވަޑައިގެން ކަމަށެވެ.
"އަހުމަދު އަދީބު އެ މަގާމަށް ރައީސް ޔާމީން އައްޔަން ކުރެއްވީ ދިވެހިރާއްޖެއަށް މި ވަގުތު ބޭނުންވާ ޒުވާން ލެޔާއި ޒުވާން ހަކަތަ މިވަރުގަދަ އޮޑީގައި ބާރު ސުޕީޑުގައި ގައިމުވެސް ކުރިއަށް ގެންދިއުމަށް އެޅުއްވި ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެން،" ނިހާނު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބުރާހިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަދި މީހަކު އައްޔަންކުރައްވައިގެން ގައުމަށް ދިމާވެފައިވާ ކަންކަން ހައްލުކުރެވިގެން ނުދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް އެކަމުގެ ފައިދާ ކުރާނީ ގާނޫނު އަސާސީއާ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ފަދައިން އިހުލާސްތެރިކަމާއި އެކީ ރައީސުލްޖުމްހޫރިއްޔާއާ ގައުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނަވާ ބޭފުޅެއް މަސައްކަތް ވެސް ކޮށްދެއްވައިގެން ކަމަށެވެ.
"އަޅުގަނޑު ޔަގީން ކުރަން އަހުމަދު އަދީބުގެ ފަރާތްޕުޅުން އެކަހަލަ ކަމެއް ފެނިގެން ނުދާނެ ކަމަށް. އަޅުގަނޑު ކަށަވަރު ކުރާ ހިތް އޮތީ މިގައުމުގެ އަމާންކަމާއި މަސްލަހަތަށްޓަކައި މިގައުމުގެ ކުރިއެރުމަށްޓަކައި އިގުތިސާދީ އަދި އިޖުތިމާއި ކަންކަން ކުރިއެރުވުމަށްޓަކައި މަޖިލީހުގެ އެހެން މެމްބަރުން ވެސް ފާހަގަކުރެއްވި ފަދައިން ގައުމުގައި ހުރި މައްސަލަތައް ހަމަޖެއްސުމުގައި އެމަނިކުފާނު [ނައިބު ރައީސް އަދީބު] ދެއްވަންޖެހޭ ހުރިހާ އިރުޝާދެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން،" ގާސިމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކުރިފުޅުމަތީގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ ހުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ލައްވައި ދެއްވީ ރާއްޖޭގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ނާއިބު ރައީސްގެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރުނެތް ކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް ފަހު އެވެ.