ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް މިއަދު އައްޔަން ކުރެއްވި އަހުމަދު އަދީބު އަބްދުލް ގަފޫރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އެ މަގާމަށް އަދީބު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދިނީ 70 މެމްބަރުން ނެވެ. އޭނާ އެމަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ 7 މެމްބަރުން ނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި ހަތަރު މެމްބަރުން ތަޅުމުގައި ތިއްބެވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކުރިފުޅުމަތީގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ ހުވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ލައްވައި ދެއްވީ ރާއްޖޭގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދެވެ.

ނައިބް ރައީސް އަދީބް ސޮއިކުރައްވަނީ-- ސަން ފޮޓޯ: އަލީ ނަސީރު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ނާއިބު ރައީސްގެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރުނެތް ކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް ފަހު އެވެ.

އަދީބު ފުރަތަމަ ސިޔާސީ ގޮތުން ފާހަގަކުރެވިގެންދިޔައީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމާއި ހަވާލުވެލެއްވި ހިސާބުންނެވެ. މިއަދާ ހަމައަށް އެމަނިކުފާން ހުންނެވީ އެމަގާމުގަ އެވެ.