22 Jul 2015, 14:44
ހުޅުމާލެ އާއި މާލެއާ ދެމެދުގެ ދަތުރުތަކަށް އެމްޓީސީސީ އާއި އެޗްޑީސީ އަދި އެމްޕީއެލް ގުޅިގެން އުފެއްދި "ޓްރާންސްޕޯޓް ފޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ކުންފުނީގެ ހިއްސާ ހަމަހަމަކޮށްފި އެވެ.
އެމްޓީސީސީ ހެޑް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވެއްގައި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވި ސީއީއޯ މަހުދީ އިމާދެވެ.
މި އަހަރުގެ ޖެނުއަރީ މަހު އެ ކުންފުނި އުފެއްދި އިރު އެމްޓީސީސީ އާއި އެޗްޑީސީ އަށް 40 ޕަސެންޓް ހިއްސާ ދިންއިރު އެމްޕީއެލްއަށް ދީފައި ވަނީ 20 ޕަސެންޓްގެ ހިއްސާއެކެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ- ސަން ފޮޓޯ: އަލީ ނަސީރު
މިއަދު ބޭއްވި ހަފްލާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވީ އަލަށް ވެވުނު އެއްބަސްވުމާ އެކު އެ ތިން ކުންފުނީގެ ހިއްސާ ވެސް 33.3 ޕަސެންޓަށް ހަމަހަމަކޮށްފައިވާ ކަމަށެވެ.
ހަލީމް ވިދާޅުވީ އެމްޓީސީސީ ހުޅުމާލޭ ސެކްޓާގެ މަސައްކަތް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ އިރު ކުރިއަށް އޮތްތަނުގައި އިތުރު އިސްވެސްޓްމަންޓުތައް އަންނަމުންދާނީ އެ ކުންފުނީގެ ތެރެއިން އެ ކުންފުނީގެ ބޯޑުން ނިންމާ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.
"ކައިރި މުސްތަގުބަލެއްގައި މިތިން ކުންފުނި ގުޅިގެން އުފެދޭ ކުންފުނިން އިރާދަކުރެއްވިއްޔާ ހުޅުމާލޭ އަދި މާލޭގެ ފެރީ ނިޒާމަށާއި އެއްގަމު ދަތުރުފަތުރު ނިޒާމަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެކަން." ހަލީމް ވިދާޅުވި އެވެ.
އެ ކުންފުނި އުފެއްދުމަށް މެދުވެރިއެއްގެ ގޮތުން މަސައްކަތްކުރި ޕްރައިވެޓޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ވިދާޅުވީ އެ ކުންފުނީގެ ބޭނުމަކީ އެ ދަތުރުފަތުރުން އެމްޓީސީސީ އަށް ގެއްލުން ވަމުންދާތީ އެކަން ހައްލުކުރުން ކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު މަހެއްގެ މައްޗަށް އެ ދަތުރުތަކަށް ތިން މިލިއަން ރުފިޔާ ސަބްސިޑިގެ ގޮތުގައި ހަރަދު ކުރާ ކަމަށް ވިދާޅުވިއެވެ.
ތިން ކުންފުނި ގުޅިގެން އުފައްދާ ކުންފުނީގެ ރައުސްމާލަކީ 850 މިލިއަން ރުފިޔާ ކަމަށް ނިޒާރު ވިދާޅުވިއެވެ.
"ކުންފުނި ހިންގަން ރާވާފައި އިންގޮތުން ބޯޑު ޑައިރެކްޓާސްގެ ގޮތުގައި ހުރިހާ ކުންފުނިވެސް އެއްވަރަކަށް ރެޕްރެޒެންޓް ކުރާނެ، .. މިކުންފުނި މިފޯލް ވަނީ ހަމައެކަނި ހުޅުމާލޭ ސެކްޓާއަށް" ނިޒާރު ވިދާޅުވިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވީ އެތިން ކުންފުނި ގުޅިގެން ހުޅުމާލެ އާއި މާލެއާ ދޭތެރޭ ދަތުރުތައް ހައްލުކުރުމަށް މަސައްކަތް ކުރަނީ ކުރިއަށް އޮތްތަނުގައި ހުޅުމާލެއަށް ގިނަ ބަޔަކު ބަދަލުވާއިރު ކުރިއާލާ ފިޔަވަޅު އެލުމުގެ ގޮތުން ކަމަށެވެ.
ދަތުރުފަތުރުގެ ޚިދުމަތަށް ޚާއްސަކޮށްގެން ކުންފުންޏެއް އުފެއްދުމުގެ ބޭނުމަކީ ކަސްޓަމަރުންނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ދަތުރުފަތުރުގެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމެވެ. ތިން ކުންފުނި ގުޅިގެން 150 މިލިއަން ރުފިޔާއިން ފަށައިގަންނައިރު ހުޅުމާލެ ފެރީ އާއި ހުޅުމާލެ އާއި މާލޭގެ ބަހުގެ ހިދުމަތުގެ އިތުރުން ބްރިޖުގެ ދަތުރުތައް ކުރުމަށް ވެސް ވަނީ ހިމަނާފަ އެވެ.