ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އައްޔަން ކުރައްވައި މަގާމުގެ ހުވާކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކުރިފުޅުމަތީގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ ހުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ލައްވައި ދެއްވީ ރާއްޖޭގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދެވެ.

ނައިބު ރައީސްއަކަށް އަދީބަށް ރުހުންއޮތްތޯ ބެލުމަށް މިއަދު 2:30ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހަން ވަނީ ނިންމައިފަ އެވެ. ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތަށް ބަލައި އެނަން ފުޅު ފާސްކުރެވޭނެ އެވެ.

ނައިބް ރައީސް އަދީބް ސޮއިކުރައްވަނީ-- ސަން ފޮޓޯ: އަލީ ނަސީރު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ނާއިބު ރައީސްގެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރުނެތް ކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް ފަހު އެވެ.

އަދީބު ފުރަތަމަ ސިޔާސީ ގޮތުން ފާހަގަކުރެވިގެންދިޔައީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމާއި ހަވާލުވެލެއްވި ހިސާބުންނެވެ. މިއަދާ ހަމައަށް އެމަނިކުފާން ހުންނެވީ އެމަގާމުގަ އެވެ.

ނައިބު ރައީސްއަށް އަދީބު އައްޔަން ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: އަލީ ނަސީރު