08 Mar 2011, 20:18
އަންނަ އަހަރުގެ ފެބުރުއަރީ މަހާ ހަމައަށް ހުޅުވާ ރިސޯޓްތައް ތަރައްގީ ކުރަން އިނާޔާތެއް ދިނުމުގެ ގޮތުން މަސައްކަތަށް އިމްޕޯޓު ކުރާ މުދަލުގެ 50 ޕަސެންޓް މާފުކޮށްދދިނިމަށް ސަރުކާރުން ނިންމައިފި އެވެ.
ރިޒޯޓް ހަދަން ދޫކުރައްވާފައިވާ ރަށްތަކުގެ އިމްޕޯޓް ޑިއުޓީ މަޢާފް ކުރެއްވުމާ ބެހޭގޮތުން މިއަދު ވަޒީރުންގެ މަޖިލީހުގައި މަޝްވާރާ ކުރުމަށްފަހު ސަރުކާރުން ނިންމީ މާޗް1، 2011 އިން ފެބްރުއަރީ 29، 2012 އާ ދެމެދު ހުޅުވާ ރިޒޯޓްތައް ހަދައި ތަރައްގީ ކުރަން ރާއްޖެ އެތެރެކުރާ މުދަލުގެ ޑިއުޓީ، 50 ޕަސެންޓް މާފު ކުރުމަށެވެ.
ރައީސް އޮފީހުން ބުނީ އަދި ޑިއުޓީން 50 ޕަސެންޓް މަޢާފް ކުރުމުގައި ބައްލަވާނެ ކަންތައްތަކެއްވެސް ވަޒީރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ. ސަރުކާރުން މި ގޮތަށް ނިންމީ ރިޒޯޓްތަކުގެ ކުލި ބޮޑުވުމުން، މަޝްރޫޢުގެ ވަޔަބިލިޓީ ދަށްވެ، ރިޒޯޓްތައް ތަރައްޤީ ކުރަން ބޭނުންވާވަރަށް ފައިސާ ނުހޯދޭތީ ލުޔެއް ދިނުމަށެވެ.
މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވާރާތައް ކުރި އިރު ރިޒޯޓް ތަރައްޤީ ކުރުމަށް 2004 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ދެމެދު ދޫކޮށްފައިވާ ގިނަ ރަށްތަކުގެ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާތަކުގައި މާލޭގެ ލޮނުޒިޔާރަތްކޮޅަކީ އެއްގަމު އުޅަނދެއް ނުދުއްވާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން މަޝްވަރާކޮށް ޤައުމީ އިދާރާއިން ސިޓީ ކައުންސިލާ މަޝްވަރާ ކުރާކޮށްގެން އެކަން ކުރުމަށް ވަނީ ނިންމާފައެވެ.
މާލޭގެ ލޮނުޒިޔާރަތްކޮޅަކީ، އެއްގަމުގައި ދުއްވާ އެއްވެސް އުޅަނދެއް ނުދުއްވާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމެވީ، މާލެއަކީ މީހުންގިނަ އަދި މަގުތަކުގައި ދުއްވާ އެއްޗިއްސާއި، ޕާކްކުރާ ތަކެތި ގިނަ ރަށަކަށްވުމާއި، މާލޭގައި ދިރިއުޅޭ މީހުންނަށް ހިތްހަމަޖެހުމުގެ މާޙައުލެއް ޤާއިމްވެފައިވާ ތަންތަން މަދުކަމާއެކު، އެފަދަ ތަނެއް އޮތުމަކީ، މުހިންމު ކަމެއް ސަރުކާރަށް ފެނިގެނެވެ.