ރައީސްޖުމްހޫރިއްޔާގެ ނައިބްގެ މަގާމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވައިފި އެވެ.

ނައިބު ރައީސްކަމުގެ ހުވާ މިއަދު އަދީބް ކުރައްވާފައިވާއިރު މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގައި އަދީބަށް ރުހުންއޮތްތޯ ބެލުމަށް ވޯޓަށް އެހުމަށް ވަނީ ނިންމާފައެވެ. ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަގުލަބިއްޔަތަށް ބަލައި އެނަން ފުޅު ފާސްކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ސަރުކާރު ހިންގާ ކޯލިޝަންގައި އޮތްއިރު އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީވެސް ފަހަކަށް އައިސް ދަނީ ސަރުކާރުން ބޭނުންވާގޮތަށް ވޯޓް ދެމުންނެވެ.

އަދީބުގެ މައްޗަށް އިތުބާރު އޮތްތޯ މިއަދު ވޯޓަށް އަހާއިރު ކުރިން އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރުނެތް ކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ 78 ވޯޓުން ފާސްކޮށްފައެވެ.