އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ކޮމެޓީ އިން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު މަޖިލީހަށް ހުށަހެޅުއްވި އިސްލާހު ކޮމެޓީން ފާސްކުރީ ކޮމެޓީގައި ހިމެނިވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ އިސްލާހަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ އިސްލާހަށް ތާއީދުކޮށް ވާހަކަފުޅުދައްކަވާފައި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިއަދު އޮންނަ މަޖިލީހުގެ ޖަލްސާގައި ކޮމެޓީން މިއަދު ފާސްކުރި އިސްލާހަށް ވޯޓަށް އެހުން އޮންނާނެ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގާނޫނު އަސާސީއަށް ހުށަހެޅުއްވިއިސްލާހުގައިވަނީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެއިސްލާހުގައިވެ އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ގާނޫނު އަސާސީއަށް މިއަދު ހުށަހެޅި އެއިސްލާހުގައިވާ ގޮތުން ޝަރުތުތަކާއެކު މިލްކުކުރެވޭ ބިން އެހެން މީހެއްގެ މައްޗަށް މިލްކުކޮށް ދިނުމުގެ ހައްގު މިލްކުވެރިޔާއަށް ލިބިގެންވެ އެވެ.

މިލްކުކޮށް ދެވޭ ބިން ދައުލަތަށް ނަގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭނީ ކޯޓު ހުކުމެއްގެ ދަށުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީގައި މިހާރު ބުނެފައިވާ ގޮތުން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއްވެސް ބިމެއް މިލްކު ކޮށެއް ނުދެވޭނެ އެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ އިއްވައިފައެވެ.

ގާނޫނުއަސާސީއަށް އެ އިސްލާހު ހުށަހެޅުއްވި ސަބަބު ކަމަށް ނިހާން ވިދާޅުވަނީ:

  • ރާއްޖެއަށް އިންތިހާ ބިޔަ އިންވެސްޓްމެންޓަތައް ތައާރަފްކުރުން.
  • ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމެންޓްތަށް ކުރިއަށް ގެންދިއުމަށް ފަހި މާހައުލެއް ގާއިމް ކުރުން.

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ އަޣުލަބިޔަތުން ނޫނީ ގާނޫނު އަސާސީއަށް ހުށަހެޅޭ އިސްލާހެއް ފާހެއް ނުކުރެވޭނެ އެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓެވެ. މި އިސްލާހު ފާސްވެއްޖެ ނަމަ އެއީ ގާނޫނުއަސާސީއަށް ގެނެވޭ ދެ ވަނަ އިސްލާހެވެ.