މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި އަހްމަދު މަފާޒު މަރުވެފައި ވަނީ ދައުވާލިބޭ ދެމީހުންގެ އަމަލަކުންކަން އެގެން ނެތް ކަމަށް ދައުލަތުގެ ވަކީލުން ބުނެފި އެވެ.

އެ މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލަކު ލާސާނީ ވިޝާހު ރަޝީދު،23 އާއި ހ. ބްލޫބާޑް މުހައްމަދު މިދުހަތު،21 އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދު،26ގެ މައްޗަށެވެ. ދައުވާ އުފުލާފައި ވަނިކޮށް އެ މީހުންގެ ތެރެއިން ވިޝާހު ވަނީ މަރުވެފަ އެވެ.

މަފާޒުގެ މަރުގެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި ދައުވާލިބޭ މީހުންގެ އަމަލަކުން މަފާޒު މަރުވެފައިވާކަން އެގެން ނެތް ކަމަށް ދައުލަތުގެ ވަކީލުން ބުނުމުން ދިފާއީ ވަކީލު އަދި މައްސަލަވައްލަވާ ގާޒީ ވެސް ވަނީ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ.

ގާޒީ ވަނީީ ދައުވާލިބޭ މީހުންގެ އަމަލަކުން މަފާޒު މަރުވެފައިވާކަން އެގެން ނެތް އިރު މަރުގެ ބައި ދައުވާގައި ހިމެނީ ކީއްވެގެންތޯ ދައުލަތުގެ ވަކީލުންނާއި ސުވާލުކޮށްފަ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުން ނިންމާލީ ހެކި ހުށަހެޅުމުގެ ފުރުސަތު ދެފަރާތަށް ވެސް ދީފަ އެވެ.

ދައުލަތުން އެމީހުންގެ މައްޗަށް ކުރި ދައުވާގައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ 1:40 އެހާކަންހާއިރު ގ. މަސްއޮޑިގޭ ހުސްނުހީނާ މަގަށް ވާގޮތަށް ހުންނަ ދޮރުކައިރީގައި ބަޔަކު ތިއްބައި އެމީހުން ސައިކަލްތަކުގައި އެތަނަށް ގޮސްފައިވާ ކަމަށެވެ.

ސައިކަލްގައި ގޮސް އެމީހުންގެ ތެރެއިން މިދުހަތު ދިގުމިނުގައި ތިން ފޫޓު ހުންނަ ވަރުގެ ކޮޅަށްތޫނުކޮށްފައި ހުރި ކަނޑިއެއްފާޑު އެއްޗެއް ހިފައިގެން މަސްއޮޑިގޭ ކައިރީ ތިބި މީހުންގެ ފަހަތުން ދުވެފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

އެ މީހުންގެ ތެރެއިން ވިޝާހު ވެސް އެއް ފޫޓު ހުންނަ ވަރުގެ ތޫނުއެއްޗެއް ހިފައިގެން މަސްއޮޑިގޭ ކުރިމަތީގައި ތިބި މީހުންގެ ފަހަތުން ދުވެފައިވާ ކަމަށް ދައުވާގައިވެ އެވެ.

މިދުހަތު އާއި ވިޝާހު މަސްއޮޑިގޭ ކައިރީ ތިބި މީހުންގެ ފަހަތުން ދުއްވައިގަތުމުން އެމީހުން ދުވެފައި މަސް އޮޑިގޭގެތެރެއަށް ވަނުމުން، މިދުހަތާއި ވިޝާހު ރަޝީދު އެ ދެ މީހުން ގެންގުޅުނު ހަތިޔާރުން އެގޭގެ ދޮރުގައި ތަޅާލާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

ދައުވާގައި ވަނީ އެ ހަމަނުޖެހުމުގައި އެ މީހުން އާންމުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށާއި އަދި އެވަގުތު މަގުމަތީގައި ހުރި މަފާޒަށް ތޫނުއެއްޗަކުން ހަމަލާދިނުމުން އޭނާ މަރުވެފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

މިދުހަތާއި ވިޝާހު އެ ހަމަނުޖެހުން ހިންގި އިރު އަހުމަދު ސައީދު އެމީހުންނާ އެކު އުޅެފައިވާތީ އޭނާ ވެސް އެ ހަމަނުޖެހުމުގައި ބައިވެރިވި ކަމަށް ބެލެވޭ ކަމަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި (ކ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.