ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރާއްޖޭގެ ވެރިކަމާ ހަވާލުވި ފަހުން ރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމުގެ މާހައުލު ރަނގަޅުވެފައިވާ ކަމަށާއި ރައީސް ޔާމީނަކީ ދުރުވިސްނޭ ލީޑަރެއް ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ގައުމުތަކުގެ އިންވެސްޓްކުރުމުގެ ހުންނަ ފެސޭހަތަކަށް ބަލާފައި އެކުލަވާލާ ޑުއިން ބިޒްނަސް ރޭންކިންގައި ރާއްޖެ އަށް ކުރިއެރުން ލިބެމުން އަންނަ ކަަމަށް ސައީދު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިނިސްޓަރު ސައީދުގެ ފޭސްބުކު ޕޭޖްގައި ވިދާޅުވެފައި ވަނީ ރާއްޖޭން ފާސްކުރި ސުޕްޝެލް އިކޮނަމިކް ޒޯން (އެސްއީޒެޑް) އާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ގޮތުން މަޝްހޫރު ލޯފާމުތަކުން ވެސް އެ ގާނޫނާ ބެހޭ ގޮތުން 'ޕޮޒިޓިވް' ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ. އެ ގާނޫނުގެ ސަބަބުން ރާއްޖެ ޒަމާނީ އިގްތިސާދަކަށްވާން އެހީތެރިވެދޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާ އިން ރާއްޖެ ހޯދާފައިވާ ކާމިޔާބީ ދުނިޔެ އަށް ދައްކާލާފައިވާ ކަމަށާއި ވިޔަފާރީގެ އެހެން ދާއިރާތަކުން ވެސް އެފަދަ ކާމިޔާބީއެއް ނުހޯދަންވީ ކީއްވެތޯ މިނިސްޓަރު ސުވާލުކުރެއްވި އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ ކަމަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ދަނޑިވަޅެއްގެ އެވެ.