ތެހެރާން (ޖުލައި 22) : އީރާނުގެ ނިއުކްލިއަ މައްސަލަ ޙައްލުކުރުމަށް ދުނިޔޭގެ ބާރުތަކާއެކު ސޮއިކުރި އެއްބަސްވުން އީރާނުގެ ޕާލަމެންޓަށް ހުށަހަޅައިފިއެވެ.

މިއެއްބަސްވުން ޕާލަމެންޓަށް ހުށަހަޅުއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވީ، މިއީ އީރާނުން ބޭނުންވި ހުރިހާ މަގްސަދްތަކެއް ޙާސިލްވި އެއްބަސްވުމެއް ކަމުގައެވެ.

ޒަރީފް ވިދާޅުވީ، މިއީ މަދަނީ ބޭނުންތަކަށް ނިއުކްލިއަ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ބައިނަލްއަގްވާމީ މުއާހަދާތަކުން ލިބިދޭ ހައްގުތައް އީރާނަށް އިތުރަށް ކަށަވަރުކޮށްދޭ އެއްބަސްވުމެއް ކަމުގައެވެ. މިއެއްބަސްވުމުގެ ދަށުން ނިއުކްލިއަ ޕްރޮގްރާމް ހުއްޓާލަންނުޖެހޭ ކަމަށްވެސް ޒަރީފް ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިއަ އެއްބަސްވުން ތަސްދީގުކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގައި އީރާނުގެ މިސައިލް ޕްރޮގްރާމަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފައިވާތީ މިކަން ބަލައިނުގަންނާނެ ކަންވެސް ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ޒަރީފް ވިދާޅުވިއެވެ. މިގޮތުން ބެލަސްޓިކް މިސައިލް ޕްރޮގްރާމްފަދަ އީރާނުގެ ދިފާއީ ޕްރޮގްރާމަކަށް ހުރަސްއެޅޭ އެއްވެސް ގަރާރަކަށް އީރާން ސަރުކާރުން ތަބާނުވާނެ ކަމަށްވެސް ޒަރީފް ވިދާޅުވިއެވެ.

އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ސޮއިކުރި ނިއުކްލިއަ އެއްބަސްވުން ދިރާސާ ކުރުމަށްޓަކައި އީރާނުގެ ޕާލަމެންޓުންވަނީ ޚާއްސަ ކޮމިޓީއެއް އެކުލާފައެވެ. އީރާނުގެ ޕާލަމެންޓުން މިއެއްބަސްވުން ތަސްދީގުކުރާނީ މި ކޮމިޓީން ހުށަހަޅާ ރިޕޯޓަށް ބެލުމަށްފަހުގައެވެ.

އީރާނުގެ ޕާލަމެންޓުން ތަސްދީގު ނުކުރަނީސް އީރާން ސަރުކާރުން މިއެއްބަސްވުމަށް އަމަލެއް ނުކުރާނެއެވެ. (ނޫސްއެޖެންސީތައް)