08 Mar 2011, 19:59
ޕަބްލިކް ހެލްތްގެ މަސައްކަތްތައް މާދަމާއިން ފެށިގެން ލާމަރްކަޒީ އުޞޫލުން ހިންގަން ފަށަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ. އެ މަޖިލީހުން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މިމަސައްކަތްތައް ރަށު ކައުންސިލްތަކުގައި ފެށުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި ހުރިހާ ރަށެއްގައި ތިބި ހެލްތް ވޯކަރުން ރަށު ކައުންސިލް މުވައްޒަފުންނަށް ބަދަލުކޮަށް ހެލްތް ވޯކަރުންނަކީ ޕަބްލިކް ހެލްތްގެ މަސައްކަތްތައް، އެރަށެއްގައި ޢަމަލީގޮތުން ހިންގާނެ މުވައްޒަފުން ކަމަށް ވަނީ ނިންމަވާފަ އެވެ.
އަދި ހެލްތް ވޯކަރުންގެ ތެރެއިން މަސައްކަތްކުރާނެ ޖާގައިގެ ދަތިކަން ދިމާވެފައިވާ ރަށްރަށުގެ މުވައްޒަފުންނަށް ޖާގަ ހޯދުމުގައި، ޤައުމީ އިދާރާއިން ކައުންސިލްތަކަށް އެހީތެރިވެދިނުމަށް ވެސް ނިންމެވިއެވެ. މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކުގައި ތިބޭނެ ހެލްތް ވޯކަރުންގެ ޢަދަދު ކަނޑައަޅާނީ ޤައުމީ އިދާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވެސް ވަނީ ހަމަޖައްސަވާފަ އެވެ.