ކުޑަކުދިންނަށް ޖީންސީ ގޯނާކުރާ މީހުންގެ ހާއްސަ ދަފްތަރެއް އެކުލަވާލުމާ ގުޅޭ ގޮތުން ކަމާ ބެހޭ މުއައްސަސާތަކުން މަޝްވަރާކޮށްފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 57 ވަނަ މާއްދާގައިވާ ގޮތުން ކުށްވެރިންގެ ދަފްތަރެއް އުފައްދައި ޝާއިޢު ކުރަން ޖެހެ އެވެ.

ފުލުހުން ބުނީ ދަފްތަރެއް ޝާއިއު ކުރުމާއި ގުޅޭ ގޮތުން އިސްކަންދަރުކޮށީގައި އިއްޔެ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ކުށްކަމަށް ބަޔާންކޮށްފައިވާ ކުށްތައް ކުރާ މީހުންގެ މައުލޫމާތު އާއްމުކޮށް ޝާއިއުކުރުމަކީ މުހިއްމުކަމެއްކަމާއި އަދި އެފަދަ މީހުންގެ ކިބައިން ކުޑަކުދިން ރައްކާތެރިކުރުމާއި އެފަދަ އަމަލެއް ތަކުރާރުކުރުމަށް މަގުފަހިވާ ފަދަ ފުރުސަތެއް ދީގެން ނުވާނެކަން، އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ފަހަގަކޮށްފައިވާ ކަމަށެވެ.

ދަފްތަރު ޝާއިޢުކުރުމުގެ ކުރިން ބޭނުންވާ މައުލޫމާތުތަކާ ބެހޭ ގޮތުންނާއި ފުލުހުންގެ އިދާރާއިން ލިބެން ޖެހޭ ހުރިހާ މައުލޫމާތެއް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހިއްސާކުރުމާ ގުޅޭ ގޮތުން ވެސް އިއްޔެގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ. ހަމައެއާ އެކު އެމަޢުލޫމާތުތައް ކަމާބެހޭ މިނިސްޓްރީއާ ހިއްސާކުރުމަށް ފަހު ގުޅުންހުރި އެހެން މުއައްސަސާތަކުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދައި އިތުރު ބައްދަލުވުމެއް ބޭއްވުމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެ އެވެ.