22 Jul 2015, 09:52
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފީސް ރާވެރިޔާ ހިންގި އިމާރާތަށް ބަދަލުވެއްޖެ އެވެ.
ނަސަންދުރާ ޕެލަަސް ހޮޓަލް ހުންނަ ކޮށީގައި ހިންގަމުން އައި އައިލެންޑް އޭވިއޭޝަން ހެޑް އޮފީސް ހިންގާ އިމާރާތް ހުސްކޮށްފައިވާ އިރު އެ ކުންފުނީގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން"އަށް ވިދާޅުވީ، އެ ކުންފުނީގެ ކޯޕަރޭޓިވް މަސައްކަތްތައް ރާވެރިޔާ ހިންގި އިމާރާތަށް މިއަދު ބަދަލުކޮށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ދެން ހިދުމަތްތައް ދެމުންދާނީ މިކޮޅުން [ރާވެރިޔާ އިމަރާތުން]،" ނަޝާތު ވިދާޅުވި އެވެ.
އެ އިމާރާތަށް އޮފީސް ބަދަލުކޮށްފައި ވަނީ އައިލެންޑް އޭވިއޭޝަންގެ އެޑްމިނިސްޓުރޭޝަން ޑިޕާޓްމަންޓާއި ހިއުމަން ރިސޯސް މެނޭޖްމަންޓުގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ(އައިޓީ) އާއި ފައިނޭންސް ޑިޕާޓްމަންޓެވެ.
އައިލެންޑް އޭވިއޭޝަން ކުރިން ހިންގި ބިން ހުސްކުރަން އެންގުމުން ވަގުތީ އިމާރާތެއް ހަދައި އައިލެންޑް އޭވިއޭޝަން ރާވެރިޔާ ބިމަށް ބަދަލުވެފައިވާ އިރު އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބުދުލްހާރިޝް ވިދާޅުވީ އެ ކުންފުނީގެ ވިސްނުމަކީ ރާވެރިޔާ ބިމުގައި ރަނގަޅު ފެންވަރެއްގެ އިމާރާތެއް ހަދައި ހުރިހާ ޑިޕާޓްމެންޓެއް އެތަނަށް ބަދަލު ކުރުން ކަމަށެވެ.