22 Jul 2015, 00:33
ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 13 އަހަރު ދުވަހަށް ޖަލަށް ލާފައި ހުންނަވަނިކޮށް މުޅިން ގޭބަންދަށް ބަދަލުކުރުމަކީ އެމްޑީޕީއާ ސަރުކާރުން ޑީލެއް ހަދައިގެން ކުރި ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީއޭއަށް ނިސްބަތްވާ މެމްބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ސަންޓީވީގެ "50 މިނެޓް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުޙައްމަދު ވިދާޅުވީ ނަޝީދު މުޅިން ގޭބަންދަށް ބަދަލުކުރާ ގޮތަށް މިއަދު ހަމަޖެއްސި ޖެއްސުމަކީ އިއްތިފާގެއް ކަމަށެވެ.
"...އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއް ގޮތަކަށް ވެސް އޭނަޔާ އަޅުގަނޑުމެންނާ ޑީލެއް ހެދިގެން، ނޫނީ ކުރީގެ ރައީސްކަން ކޮށްފައި ހުރި ނަޝީދު ގެއަށް ބަދަލުކުރާކަށް އެއްވެސް ކަމެއް ކުރާކަށް ޑީލް ހަދައިގެނެއް ކުރި ކަމެއް ކަމަކަށް،" އޭނާ ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވީ، ރައީސް ނަޝީދު ގޭބަންދުގައި ހުންނަވާ ގޮތަށް ހަމަ ޖެއްސީ ޑޮކްޓަރުންގެ ސެޓްފިކެޓްތައް ހުށަހަޅަން ޖެހޭ ތަންތަނަށް ހުށަހަޅުއްވައިގެން ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ލިބިދޭ ގާނޫނީ ހައްގެ ކަމަށް ވެސް ވިދާޅުވިއެވެ.
"... އެބޭފުޅާ ޖަލުގައި ހުންނަވަން ނުފެންނަ ކަމަށް ޑޮކްޓަރު ލިއުން ދިނީމާ، ނަޝީދެއް ނޫން ކޮންމެ ބޭފުޅެއް ވެސް ހާލަތަށް ބަލާފައި ގެއަށް ބަދަލުކުރެވޭނެ،" މުޙައްމަދު ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފައިލް ފޮޓޯ
ރައީސް ނަޝީދުގެ ޖަލުހުކުމް ގޭބަންދަށް ބަދަލުކުރުމާ ގުޅިގެން ސިޔާސީ އެކިފަރާތްތަކުން ދަނީ އެއީ ސަރުކާރާއި އެމްޑީޕީއާ ދެމެދު 'ޑީލެއް ހަދައިގެން' ކޮށްފައިވާ ކަމެއް ކަމަށްބުނެ އެކަމަށް ފާޑުކިޔަމުންނެވެ.