އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ސަރުކަރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަނެ 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން އަހުމަދު ނިހާނު ހުސައިން މަނިކު ގާނޫނު އަސާސީއަށް ގެނައުމަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަތީ 64 މެމްބަރުންގެ ވޯޓުން ނެވެ. އިސްލާހު މަޖިލީހަށް ބަލައި ނުގަންނަ ކަމަށް ވޯޓު ދެއްވީ ތިން މެމްބަރެކެވެ.

އެގާރަ މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް އެ އިސްލާހު ފޮނުވަން ފެންނަ ކަމަށް ވޯޓު ދެއްވީ 64 މެމްބަރުން ނެވެ.

ވަގުތީ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޕީޕީއެމްގެ 6 މެމްބަރަކާއި އެމްޑީއޭގެ އެއް މެމްބަރަކާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދެ މެމްބަރުންގެ އިތުރުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ދެ މެބްބަރުން ނެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުން:

  • ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު - (ޕީޕީއެމް)
  • ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ - (ޕީޕީއެމް)
  • ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު (ޕީޕީއެމް)
  • ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު - (ޕީޕީއެމް)
  • ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ - (ޕީޕީއެމް)
  • ފޭދޫ ދާއިރާގެ މެމްބަރު އިބުރާހިމް ދީދީ - (ޕީޕީއެމް)
  • ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު - (އެމްޑީއޭ)
  • ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު - (ޖޭޕީ)
  • ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބުރާހިމް - (ޖޭޕީ)
  • ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު - (އެމްޑީޕީ)
  • ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު - (އެމްޑީޕީ)

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގާނޫނުއަސާސީއަށް ހުށަހެޅުއްވިއިސްލާހުގައިބުނެފައި ވަނީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެއިސްލާހުގައިވެ އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ގާނޫނު އަސާސީއަށް މިއަދު ހުށަހެޅި އެއިސްލާހުގައިވާ ގޮތުން ޝަރުތުތަކާއެކު މިލްކުކުރެވޭ ބިން އެހެން މީހެއްގެ މައްޗަށް މިލްކުކޮށް ދިނުމުގެ ހައްގު މިލްކުވެރިޔާއަށް ލިބިގެންވެ އެވެ.

މިލްކުކޮށް ދެވޭ ބިން ދައުލަތަށް ނަގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭނީ ކޯޓު ހުކުމެއްގެ ދަށުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީގައި މިހާރު ބުނެފައިވާ ގޮތުން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއްވެސް ބިމެއް މިލްކު ކޮށެއް ނުދެވޭނެ އެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ އިއްވައިފައެވެ.

ގާނޫނުއަސާސީއަށް އެ އިސްލާހު ހުށަހެޅުއްވި ސަބަބު ކަމަށް ނިހާން ވިދާޅުވަނީ:

  • ރާއްޖެއަށް އިންތިހާ ބިޔަ އިންވެސްޓްމެންޓަތައް ތައާރަފްކުރުން.
  • ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމެންޓްތަށް ކުރިއަށް ގެންދިއުމަށް ފަހި މާހައުލެއް ގާއިމް ކުރުން.

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ އަޣުލަބިޔަތުން ނޫނީ ގާނޫނު އަސާސީއަށް ހުށަހެޅޭ އިސްލާހެއް ފާހެއް ނުކުރެވޭނެ އެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓެވެ. މި އިސްލާހު ފާސްވެއްޖެ ނަމަ އެއީ ގާނޫނުއަސާސީއަށް ގެނެވޭ ދެ ވަނަ އިސްލާހެވެ.