21 Jul 2015, 23:52
އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއް ކުރާނަމަ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައި އިސްލާހަށް ތާއީދުކޮށް ގިނަ މެމްބަރުން ވާހަކަދައްކަވައިފި އެވެ.
ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ގާނޫނު އަސާސީއަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ އެއް ބިލިއަނަށް ވުރެ އަގުބޮޑު ޕްރޮޖެކްޓުތައް ގެންނަ ފަރާތްތަކަށް ބިން ހިއްކައިގެން އެ ބިން މިލްކު ކޮށްދިނުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ގަފޫރު މޫސާ މިރޭގެ ޖަލްސާގައި ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ މަޖިލިސް
"ބިން މިލްކު ކުރެވެން ޖެހޭނެ އިއްޒަތްތެރި ރައީސް. މިއަދު އަޅުގަނޑުމެން މިކަން ނުކުރި ކަމުގައިވީ ނަމަވެސް މިގައުމުގައި މާދަމާ މިކަން ކުރާނެ. މިއީ އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ހަގީގަތެއް. އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުން ވެސް ބިންވެރި ކުރުވުން އަދި ބިމަކީ ވިޔަފާރީގެ ފައިދާ ލިބޭ ގޮތުގައި ބޭނުން ކުރެވޭ އެއްޗެއްގެ ގޮތުގައި ބޭނުން ކުރެވިގެންދިއުން،" ގަފޫރު ވިދާޅުވި އެވެ.
މިއީކީ އެއްވެސް ގޮތަކަށް އަޅުގަނޑުމެން މުތުލަގަށް ހުޅުވާލާ ދޮރެއް ނޫން. އަންނަހާ މީހަކު އަންނާނެ ތަނަކުން އައިސްފައި ރާއްޖޭގައި ބިން ހިއްކައިގެން އެ ބިމުގެ މިލްކުވެރި ފަރާތްކަމުގައި އެމީހަކު ހެދިގެން އެމީހެއްގެ ދަރީންނާ ދަރީންގެ ދަރީންނާ ހަމައަށް މިލްކުވެރިކަން ބަދަލު ކުރުމަށް.އަހުމަދު ނިހާނު ހުސައިން މަނިކު
މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެ އިސްލާހާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ބޮޑެތި ޕްރޮޖެކުޓްތައް ގެނެސް ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ކަންކަން ކުރިއެރުވުމަށް ރާއްޖޭގެ ރައްޔިތުން "އިންތިހާ" އަށް ބޭނުންވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އިސްލާހުގައި ބުނެފައިވާ ކަންކަން ކުރިއަށް ގެންދެވިއްޖެ ނަމަ ރާއްޖޭގެ އިގުތިޞާދާއި އިޖުތިމާއީ ހާލަތު ރަނގަޅުވެގެން ދާނެ ކަމަށެވެ. ގާނޫނު އަސާސީއަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ ބާބު އިތުރުކުރަން ނުފެންނަ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް: ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ގާސިމް ވެސް ވަނީ ތާއީދުކޮށް ވާހަކަދައްކަވާފައި -- ފޮޓޯ/ މަޖިލިސް
ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު ވެސް މަޖިލީހަށް ލިބިފައިވާއިރު އަޅުގަނޑުމެން މިކަން ކުރަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. މިއާ ގުޅިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓު ކުރީމާ އޭގެ ނަތީޖާއަކަށް ވެގެން ދަނީ ވަރަށް ބައިވަރު ގިނަ ވަޒީފާތަކެއް އުފެދުމާއި ވަރަށް ޒަމާނަށް އެކަށީގެންވާ އަޅުގަނޑުމެންނަށް ނުފެންނަ އެތައް ބައިވަރު ކަންތައްތަކެއް ތައާރަފުވެގެން ދިއުމާއި ރާއްޖޭގެ ރައްޔިތުންގެ މުސާރައާ ތަނަވަސްކަން އިތުރުވެގެން ދިއުން،ގާސިމް އިބްރާހީމް
އިސްލާހު ހުށަހެޅުއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ގާނޫނު އަސާސީއަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ރާއްޖެއަށް އެކަމުގެ ސަބަބުން ގޯހެއް ކުރިމަތިވާނަމަ އެކަން ބަދަލު ކުރުމުގެ ފުރިހަމަ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންދާނެ ކަމަށެވެ.
"މިއީކީ އެއްވެސް ގޮތަކަށް އަޅުގަނޑުމެން މުތުލަގަށް ހުޅުވާލާ ދޮރެއް ނޫން. އަންނަހާ މީހަކު އަންނާނެ ތަނަކުން އައިސްފައި ރާއްޖޭގައި ބިން ހިއްކައިގެން އެ ބިމުގެ މިލްކުވެރި ފަރާތްކަމުގައި އެމީހަކު ހެދިގެން އެމީހެއްގެ ދަރީންނާ ދަރީންގެ ދަރީންނާ ހަމައަށް މިލްކުވެރިކަން ބަދަލު ކުރުމަށް. މިއީ ވަރަށް ބޮޑަށް ވިސްނުންތެރި ކަމާއި އެކުގައި ގައުމުގެ ތަރައްގީއަށްޓަކައި އަލަށް މިހުޅުވޭ މާ ސިންގާ ދޮރުގެ ތެރެއިން އަޅުގަނޑު ކުރިން ވެސް އިޝާރާތް ކުރި ފަދައިން ގާނޫނު އަސާސީގައި ބަޔާންކޮށްދޭ އަސާސީ ހައްގުތަކާ މިނިވަންކަމާއި ދިރިއުޅުމުގެ ހައްގަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުންވާ ގުރުބާނީއެއް،" ނިހާނު ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު މިރޭގެ ޖަލްސާގައި ގާނޫނު އަސާސީއަށް އޭނާ ހުށަހަޅާ އިސްލާހު މަޖިލީހުގެ ތަޅުމަށް ހުށަހަޅަނީ: ފޮޓޯ/ މަޖިލިސް
ގާނޫނު އަސާސީއަށް ނިހާނު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަ ކުރާ ޕްރޮޖެކްޓްތަކެށް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.