08 Mar 2011, 19:37
އެމްޑީޕީގެ އިސް މަގާމުތަކުގެ އިންތިހާބަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތި ލައްވައިފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު މިއަދު ވިދާޅުވީ، ޕާޓީގެ އިސް މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހަވީރު 4:00 އަށް ހަމަވިއިރު ޕާޓީގެ ރައީސް ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ސްޕެޝަލް އެންވޯއީ ކަމުގެ މަގާމުގައި ހުންނެވި އަދި އެމްޑީޕީގެ ވަގުތީ ރައީސް ކަމާއި ނާއިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި އިބްރާހިމް ހުސެއިން ޒަކީ އާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުމުގެ ސަބަބުން އިސްތިއުފާ ދެއްވާފައިވާ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ އަދި އަލީ ޝުކޫރު އެވެ.
ޝާހު ވިދާޅުވީ ނާއިބު ރައީސް ކަމަށް ކުރިމަތި ލެއްވި ހަތަރު ބޭފުޅުންނަކީ، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި ގ. ކަކާގެ، ހުސެއިން އާދަމް (އާދަމްބެ) ކަމަށެވެ.
ޗެއާޕާސަންގެ ނާއިބު މާލީ މި މަގާމަށް، އަހްމަދު މޫސާ އާއި އެމްޓީސީސީގެ ކުރީގެ މެނެޖިން ޑިރެކްޓަރު ނަފާ ނަސީމު ކުރިމަތިލެއްވެވި އިރު ޗެއާޕާސަންގެ ނާއިބު އިދާރީ، މި މަގާމަށް ކުރިމަތިލައްވާފައިވާ ހަތަރު ބޭފުޅުންގެ ތެރޭގައި، ސެކްރެޓަރީ ޖެނެރަލް، ޝާހުގެ ނާއިބު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އިމްތިޔާޒު (އިންތި) އާއި މުހައްމަދު ސޮދުރީ އާއި އާދަމް އަބުދުލް ޣަފޫރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދު ހިމެނި ވަޑައިގަންނަވަ އެވެ.
އެމްޑީޕީގެ އިސް މަގާމުތަކަށް މެންބަރުން ހޮވުމަށް، އަންނަމަހު 30 ގައި ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގައި، ޕާޓީގެ ރައީސާއި ނާއިބު ރައީސްގެ މަގާމާއި ޕާޓީގެ ޗެއާޕާސަންގެ ދެ ނާއިބުންގެ އިތުރަށް އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހާއި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ މަގާމަށް މެންބަރުން އިންތިހާބު ކުރާނެއެވެ.
މީގެ އިތުރުން އެމްޑީޕީގައި އަލަށް އުފައްދާފައިވާ މަގާމުތަކެއް ކަމަށްވާ، ޒުވާނުންގެ ހިތްވަރުގެ ރައީސާއި ނާއިބު ރައީސްގެ އިތުރުން އަންހެނުންގެ ރައީސާއި ނާއިބު ރައީސާއި ޕްރޮވިންސް ރައީސާއި ނާއިބު ރައީސް ކަމުގެ މަގާމަށް ބޭފުޅުން ހޮވުމަށް ވެސް ހަމަޖެހިފައި ވެއެވެ.
ޝާހު ވިދާޅުވީ މި މަގާމުތަކަށް ވެސް ސަރުކާރުގެ އިސް މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއި، ކުރިން ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުން ކުރިމަތިލައްވާފައިވާ ކަމަށެވެ.
ނަމަވެސް އިންތިހާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ނަންތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ އެ ހުރިހާ ބޭފުޅުންގެ ނަންތައް ވަކިވަކިން މިވަގުތު ދެންނެވެން ނެތީ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އޭނާ އަދާކުރައްވަމުން ގެންދަވާ، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަކީ ގައުމީ މަޖިލީހުން ކަނޑައަޅަންޖެހޭ މަގާމަކަށް ވާތީ، އެ މަގާމާމެދު ގޮތެއް ނިންމާނީ، ގައުމީ މަޖިލީހުން ކަމަށެވެ.
"މި މަގާމަކީ ގައުމީ މަޖިލީހުން ހޮވާ މަގާމެއް. ގައުމީ މަޖިލިސް ފުރިހަމަ ވާނީ މި އިންތިހާބުން ހޮވަންޖެހޭ މަގާމުތައް ހޮވައިގެން. އެއަށްފަހު ގައުމީ ޖަލްސާ ބާއްވައިގެންގޮތެއް ނިންމާނީ"