21 Jul 2015, 22:21
ފެޓުރޯލް ލިބުމުގަޔާއި ވިއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ތެޔޮ ވިއްކާ މައި ކުންފުނި އެސްޓީއޯ އިން ބުނެފި އެވެ.
މާލެ އިން ޕެޓްރޯލް ހުސްވެއްޖެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ރައްޔިތުންނަށް ޕެޓްރޯލް ފޯރުކޮށްދިނުމުގައި އެސްޓީއޯ އަށް އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.
"އެސްޓީއޯ ޕެޓްރޯލް ޝެޑްތައް ކުރިން ވެސް ހުޅުވަމުން އައި ގަޑިތަކުގައި ހުޅުވާ ހިދުމަތް ލިބިގަތުމަށް އަންނަ ހުރިހާ ފަރާތްތަކަށް ހިދުމަތް ދެމުން މިގެންދަނީ." ޝަހީރު ވިދާޅުވި އެވެ.
އެސްޓީއޯގެ ޕެޓްރޯލް ސުޓޮކްގައި ވެސް އެއްވެސް ދަތިކަމެއް ނޫޅޭ އިރު އެސްޓީއޯ އިން ޕެޓްރޯލް ސަޕްލައި ކޮށްދޭ ފަރާތްތަކަށް ވެސް ދައްޗެއްނެތި ޕެޓްރޯލް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ޕެޓްރޯލް ލިބުން ދަތިތަކެއް އުޅޭ ކަމަށް ވާހަކަ ފެތުރިފައިވާ އިރު ޕެޓްރޯލް ޝެޑްތައް ކައިރި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕެޓްރޯލް އެޅުމަށް ކިޔޫގައި ޖެހިފަ އެވެ.