21 Jul 2015, 22:05
ޕެރިސް، ފްރާންސް. އޭޕީ) ފަލަސްތީނުގެ ކުރީގެ ލީޑަރު ޔާސިރު އަރަފާތު އަވަހާރަވި ހާދިސާގައި އެއްވެސް މީހަކާ ދެކޮޅަށް ދައުވާކުރަން ޖެހޭ ފަދަ އެއްވެސް ކަމެއް ނެތް ކަމަށް ބުނެ އެ މައްސަލަ ބެލުން ހުއްޓައިލަން ފްރާންސްގެ ޕްރޮސެކިއުޓަރުގެ އޮފީހުން އެދިއްޖެ އެވެ.
އަރަފާތު 2004 ވަނަ އަހަރު އަވަހާރަވީ ޒަހަރެއް ދިނުމުގެ ސަބަބުން ކަމަށް ބެލެވިގެން ކުރަން ފެށި ތަހުގީގާ މެދު އެންމެ ފަހުބަސް ބުނާނީ ފަނޑިޔާރެކެވެ. އެކަން ނިންމާނެ ތާރީހެއް އަދި ފްރާންސުން އަދި ހާމައެއް ނުކުރެ އެވެ.
ޕްރޮސެކިއުޓަރުގެ އޮފީހުން ބުނީ ޕެރިހުގެ ރަށްބޭރުގައިވާ ޕާސީ މިލިޓަރީ ހޮސްޕިޓަލުގައި ޔާސިރު އަރަފާތު އަވަހާރަވީ ހާދިސާ ތަހުގީގު ކުރުމަށް ފަހު، އެއްވެސް މީހަކާ ދެކޮޅަށް ދައުވާއެއް ކުރެވޭ ވަރުގެ ހެކި ހޯދިފައި ނުވާ ކަމަށެވެ. އަދި ބުނެފައި ވަނީ އެކަމުގެ ތަހުގީގު ކުރީ ވަކި މީހަކަށް އަމާޒުކޮށްގެން ނޫން ކަމަށެވެ.
އަރަފާތު އަވަހާރަވީ އިރު ތުރުކުރައްވައިގެން އޮންނެވި ހެދުންކޮޅުގައި ރޭޑިއޯއެކްޓިވް ޕްލޫޓޯނިއަމްގެ އަސަރު ހުރި ކަމަށް 2012 ވަނަ އަހަރު ކުރި ދިރާސާއަކަށް ފަހު އާއްމުކުރި ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ. އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އަރަފާތުގެ ހުވަފަތް އަނބިކަނބަލުން ޒުހާ އަރަފާތު ފްރާންސް ސަރުކާރަށް ހުށަހެޅުއްވީ އެހެންވެ އެވެ.