އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ގެނެސްފައިވާ އިސްލާހަށް ބަހުސްކޮށް ނިންމައި ކޮމެޓީ މަރުހަލާއަށް ގެންދަން ފެންނަ ކަމަށް މަޖިލީހުގެ ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި އެގޮތަށް ފާސްކުރަން މަޖިލީހުގެ ރިޔާސަތުން ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާ އަށް ގެނެސްފައިވާ އިސްލާހަށް ރިއާއަތްކޮށެވެ.

މިރޭގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކޮށް ނިންމައި ކޮމެޓީ މަރުހަލާއަށް ފޮނުވަން ފެންނަ ކަމަށް ފާސްކުރީ 51 މެމްބަރުންގެ ވޯޓުން ނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް 27 މެމްބަރަކު ވޯޓު ދެއްވި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގާނޫނުއަސާސީއަށް ހުށަހެޅުއްވިއިސްލާހުގައިބުނެފައި ވަނީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަ ކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެއިސްލާހުގައިވެ އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން، ގާނޫނު އަސާސީއަށް މިއަދު ހުށަހެޅި އެއިސްލާހުގައިވާ ގޮތުން ޝަރުތުތަކާއެކު މިލްކުކުރެވޭ ބިން އެހެން މީހެއްގެ މައްޗަށް މިލްކުކޮށް ދިނުމުގެ ހައްގު މިލްކުވެރިޔާއަށް ލިބިގެންވެ އެވެ.

މިލްކުކޮށް ދެވޭ ބިން ދައުލަތަށް ނަގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭނީ ކޯޓު ހުކުމެއްގެ ދަށުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީގައި މިހާރު ބުނެފައިވާ ގޮތުން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއްވެސް ބިމެއް މިލްކު ކޮށެއް ނުދެވޭނެ އެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

ގާނޫނުއަސާސީއަށް އެ އިސްލާހު ހުށަހެޅުއްވި ސަބަބު ކަމަށް ނިހާން ވިދާޅުވަނީ:

  • ރާއްޖެއަށް އިންތިހާ ބިޔަ އިންވެސްޓްމެންޓަތައް ތައާރަފްކުރުން

  • ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމެންޓްތަށް ކުރިއަށް ގެންދިއުމަށް ފަހި މާހައުލެއް ގާއިމް ކުރުން

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ އަޣުލަބިޔަތުން ނޫނީ ގާނޫނު އަސާސީއަށް ހުށަހެޅޭ އިސްލާހެއް ފާހެއް ނުކުރެވޭނެ އެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ އަގުލަބިއްޔަތެވެ. އެއީ މި އިސްލާހު ފާސްވެއްޖެ ނަމަ އެއީ ގާނޫނުއަސާސީއަށް ގެނެވޭ ދެ ވަނަ އިސްލާހެވެ.