21 Jul 2015, 23:09
އެއްގަމު އުޅަނދު ފަހަރުގެ ސްޓިކާއަށް ދައްކަން ޖެހޭ ޖޫރިމަނާ އާއި ލައިސަންސް ހިފެހެއްޓުމުން ކޮށްފައިވާ ޖޫރިމަނާ މައާފުވާ ގޮތަށް އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ބިލު ދިރާސާ ކުރެއްވި ކޮމެޓީން ފާސްކޮށްފި އެވެ.
އިގްތިސާދީ ކޮމެޓީން އެގޮތަށް ފާސްކުރީ ވޯޓުގައި އެވަގުތު ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.
ކޮމެޓީން ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކު ކުރުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދައްކާފައިވާ ފަރާތްތަކުގެ ޖޫރިމަނާ މައާފުވާނެ ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ލައިސަންސް އޮވެގެން ނުވަތަ ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ނުވަތަ އެއްވެސް ސަބަބަކާ ހުރެ ލައިސަންސް ހިފަހައްޓައިގެން ޖޫރިމަނާ ކޮށްފައިވާ ޖޫރިމަނާ ފައިސާ މައާފުވާނެ ކަމަށެވެ.
ކޮމެޓީން ބިލު ދިރާސާ ކުރެއްވި އިރު ބައެއް މާއްދާތައް ވަނީ އުނިކޮށްފައެވެ. އެގޮތުން ގާނޫނުގެ 49 ވަނަ މާއްދާ އެއްކޮށް ވަނީ ކޮމެޓީން އުނިކޮށްފައެވެ.
އިސްލާހުގައި ބުނެފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުން ކުރާ ހާއްސަ އެއްގަމު އުޅަނދުތަކުގެ އަހަރީ ފީ ދެއްކުން އިސްތިސްނާވާނެ ކަމަށެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމަށްޓަކައި މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ޕާކު ކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައި ވެސް އެއްގަމުގައި ދުއްވާ އުޅަނދެއް މެދު ކެނޑުމެއްނެތި ބޭއްވޭނީ އެންމެ ގިނަވެގެން 7 ދުވަހުގެ މުއްދަތަށް ކަމަށެވެ.
އެފަދަ އުޅަނދެއް އެތަނަކުން އެ މުއްދަތުގެ ތެރޭގައި ނުނަގައިފި ނަމަ އެ އުޅަނދެއް ނެގުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ.
އެ އުޅަނދެއް ނަގާތާ 24 ގަޑިއިރުގެ ތެރޭގައި އެ އުޅަނދެއްގެ މައުލޫމާތު ފެންނާނެ ގޮތަށް އާންމު ކުރަންޖެހެ އެވެ. އަދި އެ އުޅަނދުގެ ވެރިފަރާތަށް އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުހުލަތެއް ދޭންޖެހެ އެވެ.
އެ މުއްދަތުގެ ތެރޭގައި އުޅަނދެއް ނުގެންގޮސްފި ނަމަ އެ އުޅަނދެއް ނައްތާލުން ނުވަތަ އާންމުކޮށް ހުޅުވާލެވޭ ނީލަމެއްގައި އުޅަނދު ވިއްކާލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ.
އެހެންނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުން ކުރާ އުޅަނދު ފަހަރު އިސްތިސްނާ ވެގެންދާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.