21 Jul 2015, 21:22
އުމްރާއިން އައި މީހެއްގެ ހަށިގަނޑުން ނިއުމޯނިއާގެ އަސަރު ފެނިފައިވާތީވެ، އެމީހާ އިތުރަށް ޓެސްޓު ކުރުމުގެ އިންތިޒާމް ހަމަޖައްސައި އަދި އެމީހާއަށް ޖެހިފައި ވަނީ މާސް ކޮރޯނާ ވައިރަސްތޯ ޔަގީން ކުރުމުގެ މަސައްކަތް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެއިން އުމްރާއަށް ދިޔަ މީހުންގެ ތެރެއިން 1000 އަށް ވުރެ ގިނަ މީހުން އެނބުރި އައިސްފައިވާ ކަމަށެވެ. އެމީހުންގެ ތެރެއިން އިއްޔެއާ ހަމައަށް ގާތްގަނޑަކަށް 200 މީހަކަށް އައިޖީއެމްއެޗާއި ހުޅުމާލޭގެ ފްލޫ ކްލިނިކުން ޚިދުމަތް ހޯދާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
މިހާނަތަނަށް ފުއްޕާމޭގެ ބަލީގައި ދެ މީހަކު އެޑްމިޓުކޮށް ފަރުވާދެމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން މެދުއިރުމަތީގައި ފެތުރެމުންދާ ބައްޔެއް ކަމުގައިވާ މާސް ކޮރޯނާ ވައިރަސް ބަލި، މިއަހަރުގެ ތެރޭގައި ވަނީ އޭޝިއާގެ ބައެއް ގައުމުތަކުން ފެނިފައެވެ. އެގޮތުން ދުނިޔޭގައި މިހާތަނަށް އެބަލިޖެހިފައިވާ ގާތްގަނޑަކަށް 1300 މީހުން ވަނީ ފެނިފައެވެ.
އެކި ގައުމުތަކުން އެބަލި ފެނިފައިވީނަމަވެސް ބަލި ފެތުރިފައި ވަނީ ސައުދީ އަރަބިއާ އަދި ސައުތު ކޮރެއާގަ އެވެ. މީގެއިތުރުން އޭޝިއާ އިން ޗައިނާ އަދި ތައިލޭންޑުގައި އެކަކަށް އެބަލި ޖެހިފައިވާ ކަމަށް މިހާތަނަށް އެނގިފައިވާއިރު ޕިލިޕީންސްގައި އެ ބަލި ޖެހިފައިވާ ދެ މީހަކު މިހާތަނަށް ވަނީ ފެނިފަ އެވެ.
އެޗްޕީއޭ އިން ބުނީ އެބަލިން ރައްކާތެރިވުމަށް އަދި އެބަލީގެ މީހަކު ރާއްޖެއިން ފެނިއްޖެނަމަ ދެން އަމަލުކުރާނެ ގޮތްތައް ރާވައި އެކަމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
"މިގޮތުން އުމްރާއަށް ފުރާވަޑައިގެންފައިވާ ފަރާތްތަކަށް ބަލިން ރައްކާތެރިވުމުގެ މައުލޫމާތު ދެވި، އަދި އުމްރާއިން އެނބުރި ވަޑައިގަތުމަށްފަހު އަލާމާތެއް ފެނިއްޖެނަމަ އަމަލުކުރާނެ ގޮތުގެ އިރުޝާދުތައް ވެސް ދަނީ ދެވެމުންނެވެ. ބަލީގެ ބާވަތާއި، ބަލި ފެތުރޭގޮތާއި އެހެނިހެން ގައުމުތަކުގެ ތަޖްރިބާ އާއި ދިރާސާތަކުގެ އަލީގައި، ބަލިން ރައްކާތެރިވުމުގެ މަސައްކަތްތައް ވަނީ ބައްޓަން ކުރެވި، އަދި ބަލި ފެތުރުން ކުޑަކުރުމުގެ ގޮތުން 'އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވަނީ ހަރުދަނާ ކުރެވިފައެވެ،" އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.