ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށްފަހު އެ ބިލަކަށް ބަހުސް ނުކޮށް ބިލު ފާސްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާއަށް ގެނައުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށްފަހު އެ ބިލެއްގެ ބަހުސް މަރުހަލާގެ އިތުރުން ކޮމިޓީ މަރުހަލާ ވެސް ކުރިއަށް ނުގެންގޮސް ބިލު ފާސްކުރެވިދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކުރިން ވަނީ ބިލެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެ ބިލުގެ ތިން ކިޔުމެއް މަޖިލީހަށް އިއްވަން ޖެހޭނެ ކަމަށެވެ. އެއީ މަޖިލީހުގެ ތަޅުމަށް ބިލު ތައާރަފު ކުރުމާއި އެ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމުގެ އިތުރުން ކޮމެޓީއަށް ބިލު ފޮނުވާ ދިރާސާ ކުރުމެވެ.

ގަވާއިދުގައި ކުރިން ބުނެފައިވަނީ:

  • ބިލު ތައާރަފު ކުރުމާއި ބިލުގެ ސުރުހީ މަޖިލީހަށް އިއްވަންޖެހޭނެ ކަމަށް.
  • ބިލާ މެދު މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ކޮމެޓީއަށް ފޮނުވަންޖެހޭނެ ކަމަށް.
  • ކޮމިޓީން ބިލު ދިރާސާކޮށް އިސްލާހުކުރަންޖެހޭނެ ކަމަށް.
  • ދިރާސާ ކުރި ބިލު އަލުން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ބަހުސްކުރަންޖެހޭނެ ކަމަށް.

ނަމަވެސް ގަވާއިދު މިހާރު އިސްލާހު ކޮށްފައި އޮތް ގޮތުން އެ މަރުހަލާތައް ފުރިހަމަ ނުކޮށް ބިލެއް ފާސްކުރެވިދާނެ އެވެ. ނަމަވެސް އެކަން ކުރެވޭނީ މަޖިލީހުސް ރައީސް އެގޮތަށް ހުށަހަޅައި މެމްބަރުންގެ ވޯޓުން އެ ހުށަހެޅުން ފާސްވެއްޖެނަމަ އެވެ.

ބަހުސް މަރުހަލާއަކާ ނުލައި ބިލު ފާސްކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ވަނީ ނިންމާފައެވެ.